އއ. ފެރިދޫގައި ނަރުދަމާގެ ނިޒާމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ތިންވަނަ އަށް ވަޑައިގަތް އއ. ފެރިދޫގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ހޯމަ ދުވަހު ވިދާޅުވީ، ފެރިދޫ އަށް ނަރުދާމާ ނިޒާމަކީ އަސާސީ ކަންތައްތަކުގެ ތެރެއިން ހިމެނޭ އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެ ރަށުގައި ނަރުދަމާ ނިޒާމު 2019 އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ސޯލީހުވަނީ އެރަށު ރައްޔިތުންނަށް ދެއްވާފައިއެވެ.
" ފެރިދޫ ރައްޔިތުންނަށް އެންމެ މިހާރުން މިހާރަށް ފުރިހަމަ ވާންޖެހޭނެ އެންމެ އަސާސީ ހައްގަކީ ނަރުދަމާ ނިޒާމެއް ގާއިމްކުރުން. ރަށުތެރެއަށް ނަޖިސް ހިންދަންޖެހުމުން ރަށުގެ ފެންފަށަލަ ތަޣައްޔަރުވެ ސާފުތާހިރުކަމާށާއި އާއްމު ސިއްހަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމިތިވެފައި. ޅަ ދަރީންގެ ސިއްހަތަށް ވަނީ އެތައް ނުރައްކާތަކެއް ކުރިމަތިވެފައި. ފެންވަރުވަންށާއި އެއްޗެހި ސާފުކުރަން މި ރަށުގެ ރައްޔިތުން ބޭނުން ކުރަމުންދަނީ ނަޖިސް ފެން. މި ފެށޭ 2019 ވަނަ އަހަރުގެ ތެރޭގައި ފެރިދޫގެ ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މަތްﷲ ވާގިފުޅާއިއެކު ފެށިގެންދާނެ. އެ މަޝްރޫއަށް ބޭނުންވާ ފައިސާ ކުރިއަށް އޮތް އަހަރުގެ ބަޖެޓްގައި އަޅުގަނޑުމެން ވާނީ ހިމަނާފައި،" ފެރިދޫގެ ރައްޔިތުންގެ އުއްމީދުތައް އާކުރައްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރު ކޮށްދިނުން ކަމަށާއި ފެރިދޫގެ ރައްޔިތުންގެ އަޑުވެސް އެމަނިކުފާނު އައްސަވަމުން ގެންދަވާނެ ކަމަށެވެ. އެގޮތުން އެރަށަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އިހުމާލު ނުވާނެކަމަށާއި، ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ހޯމަ ދުވަހު ފުރަތަމަ ވަޑައިގެންނެވީ އއ. އުކުޅަހަށެވެ. ރަށްރަށުން ދަނީ ރައީސްއަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ.