ފަސޭހައިން ކުންފުނިތައް އުވާލެވޭ ގޮތަށް ކުންފުންޏާއި ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ. ޣަފޫރު ވިދާޅުވީ އެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މައިގަނޑު ސަބަބަކީ ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދައްކައި ހުރި ކުންފުނިތަކާއި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯރޓް ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7000 ވުރެ ގިނަވެގެންގޮސްފައި ވީނަމަވެސް، ކުންފުންޏާއި ބެހޭ ގާނޫނުގެ ދަށުން އެފަދަ ކުންފުނިތަށް އުވާލެވޭނެ ނިޒާމެއް ނެތުމުގެ ސަބަބުން، އަލަށް ވިޔަފާރި ފަށާފައި، އެކި ސަބަބުތަކާހުރެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ދަތިވެގެން ވިޔަފާރި ހުއްޓާލާފައިވާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
މި އިސްލާހު ފާސްވެގެން ދިއުމުން ފަސޭހައިން ކުންފުނިތަށް އުވާލަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އެ މަނިކުފާނަށް ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަށް ހުށަހަޅާފައިވޭ.އެގޮތުން މި ކަމަކީވެސް ހަމަ ވަރަށް ގިނަ ރައްޔިތުން މިއަދު ބޭނުންވެފައިވާ ކަމެއް. މި މަޖީލިހަށް ހުށަހެޅިގެންދާ ގިނަ ބިލްތަކަކީ ރައްޔިތުން އިސްލާހުކުރަން ބޭނުންވެފައި ހުރި ކަންތަށްތައް ހުށަހަޅާފައިވާތީ އޭގެ ސަބަބުން ހުށަހެޅިގެންދާ ކަންތަށްތަކެއް،" ޣަފޫރު ވިދާޅުވިއެވެ.
މި ބިލްގައި ހުށަހަޅާފައިވާ ކަންތަށްތަކަކީ ރައްޔިތުންނަށް ލުއި ފަސޭހަކުރުމަށްޓަކާ ރައްޔިތުން ބޭނުންވާ ގޮތަށް އެ ހިދްމަތް ދިނުމަށްޓަކާ ހުށަހެޅިފައިވާ އިސްލާހުތަކެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ.
މާލިއްޔަތު ކޮމެޓީގެ މެމްބަރުކަން ވެސް ކުރައްވާ ޣަފޫރު ވިދާޅުވީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއަކީ މީގެ ކުރިން ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވި މިނިސްޓްރީއެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވާ ކަންތަށްތައް ފަސޭހައިން ވާން އޮތް މިނިސްޓްރީއެއް ނޫން ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ވީހާވެސް ފަސޭހަކޮށް ރައްޔިތުންނަށް ލިބިދޭނެ ވިއުގައެއް ގާއިމްކޮށް ފަސޭހަ ހިދްމަތްތަކެއް މިނިސްޓްރީން ރައްޔިތުންނަށް ދެއްވުމަށް ޣަފޫރު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ގޮވާލައްވާފައެވެ.