ދިވެހި ބަހުގެ އެކަޑަމީން ޖަވާބުދާރީވާންޖެހޭ މިނިސްޓްރީއަކީ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ކަމުގައި ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީއެވެ.
ބިލު ހުށަހަޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައި ވަނީ ދިވެހިބަހުގެ އެކަޑަމީއާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ގުޅިގެން މިހާރު ޖަވާބުދާރީވާންޖެހޭ މިނިސްޓްރީއަކީ ތައުލީމާ ބެހޭ މިނިސްޓްރީ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، ދިވެހި ބަހުގެ އެކަޑަމީ ފަދަ އިދާރާއަކުން ޖަވާބުދާރީވާންޖެހޭނެ ވުޒާރާކަމުގައި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު އުފައްދާފައިވާ ކަމަށް ދީދީ ވިދާޅުވެފައިވެއެވެ.
ދިވެހި ބަހުގެ އެކަޑަމީއަކީ ރައީސް ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު އުފެއްދި އިދާރާއެކެވެ. ދިވެހި ބަހުގެ އެކަޑަމީގެ މަސްއޫލިއްޔަތަކީ ދިވެހިބަސް ހިމާޔަތްކޮށް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމާއި ރާއްޖޭގެ އިދާރީ ހިންގުމާއި ވިޔަފާރި އާއި ތައުލީމާއި އެހެނިހެން އާންމު މުއާމަލާތްތަކުގައި އެންމެ ބޮޑަށް ބޭނުން ކުރާ ބަހަކި ދިވެހި ބަސް ކަމުގައި ދަމަހެއްޓުމެވެ. އަދި ދިވެހި ބަހާއި ތާރީހާއި ބެހޭ މަޝްރޫއުތަކާއި ޕްރޮގްރާމްތައް ރާވައި ފަރުމާކޮށް ހިންގުމަކީ ވެސް އެ އެކަޑަމީގެ މަސްއޫލިއްޔަތެވެ.