މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ހިންގުން ހަރުދަނާ ކުރުމަށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ސަރުކާރުގެ ފާރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުލް ކަރީމް (ރުކުމާ) އިސްލާހު ހުށަހަޅުއްވައިފިއެވެ.
ހޯމަ ދުވަހުގެ މަޖިލީހުން ވަނީ އެ ބިލު 46 މެމްބަރުންގެ އިއްތިފާގުން ބަލައިގަނެ، ދިރާސަ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހުގައި ވަނީ އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަމަށް އައްޔަނު ކުރެވޭނީ ސީދާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެއް ކަމަށް ބަޔާންކުރާ ބައި އުވާލުމަށް ހުށައަޅާފައެވެ.
އެގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އައްޔަނު ކުރާއިރު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެއް އައްޔަނު ކުރަން ޖެހޭނެ ކަމަށް ބުނާ ބައި މި އިސްލާހުގެ ދަށުން އުވާލުމަށް ވަނީ ހުށައަޅާފައެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅި ބޭނުމެއް ކަމަށް ބުނެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ހިންގުން ހަރުދަނާ ކުރުމެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދައި ޖަލުގެ ނިޒާމް ހަރުދަނާ ކުރުމާއި ، ޖަލުތައް ހިންގުމާއި، ޖަލުތަކާއި ގުޅޭ ކަންކަން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާއި ހަވާލުކުރެވިފައިވަނީ ޖަލުތަކާއި ޕެރޯލް ބިލް ގާނޫނަކަށް ބަދަލުވި ހިސާބުންނެވެ.