ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ބާރު ކަނޑުވާލުމަށް ގާނޫނަށް ގެނައި އިސްލާހުތައް ބަދަލުކޮށް، އަލުން އެ ބާރުތައް އެ އެޖެންސީއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ފަޅު ރަށްތަކާއި ފަޅުތަކަށް ދާއިމީ ބަދަލެއް އަންނާނެ ގޮތަށް ރިސޯޓު ހަދާނަމަ، އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ހަދައި އީޕީއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ގާނޫނުގައި ކުރިން ބަޔާންކޮށްފައިވެއެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން 2014 އަހަރު ވަނީ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި، އެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް މަތިކޮށްފައެވެ.
އީޕީއޭގެ ބާރު ކަނޑުވާލައި، ގިނަ އަދަދެއްގެ ފަޅުތަކާއި ފަޅު ރަށްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސަރުކާރަށް މަންފާވާ ގޮތަށް ރިސޯޓުތައް ޔާމީންގެ ސަރުކާރުން ވަނީ ހަދާފައެވެ. ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ރިސޯޓުތައް ހެދުމަށް ހިންގި އެ މަޝްރޫއުތަކާ ގުޅިގެން، ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވިއެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، އީޕީއޭ އަށް ބާރު ދިނުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި އެތަނެއްގެ ތިމާވެށްޓަށް ދާއިމީ ބަދަލެއް އަންނާނެ ފަދަ މަސައްކަތެއް ކުރަން ވާނީ ތިމާވެށްޓާ ގުޅޭ ސިޔާސަތުތައް ކަނޑާއަޅައި ތަންފީޒުކުރާ ވުޒާރާގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށެވެ. އެ ހުއްދަ ދޫކުރަން ވާނީ ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ނިޒާރު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.
އެ އިސްލާހުގެ ބަހުސްގައި ގިނަ މެމްބަރުން ވަނީ އެ އިސްލާހަށް ތާއިދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އީޕީއޭގެ ދަށުން ބާރު ނެގުމަށް ފަހު، ޔާމީންގެ ސަރުކާރުން ހިންގި މަޝްރޫތަކުގެ ސަބަބުން ތިމާވެށްޓަށް ލިބިފައިވާ ގެއްލުންތަކާ ގުޅޭ ގޮތުން ބައެއް މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.