މީގެ 865 އަހަރުކުރިން ދިވެހިރާއްޖެ އިސްލާމްވި ގޮތާ ބެހޭ ގޮތުން އިތުރު ދިރާސާތަކެއް ހެދުން މުހިއްމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އިސްލާމްވި ގޮތާ ބެހޭ ގޮތުން ދިރާސާތަކެއް ކުރުމުގެ މުހިއްމުކަން، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އާދިއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި ރާއްޖެ އިސްލާމްވި ގޮތާ ބެހޭ ގޮތުން ނޭނގި ހުރި ކަންކަން ހޯދުން މުހިއްމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
I feel that a lot more research is greatly needed into that historical period to fill the gaps in our knowledge of how our nation embraced Islam 865 years ago. I call upon relevant authorities and private researchers to tackle this hugely important task. 2/2
— Maumoon Abdul Gayoom (@maumoonagayoom) December 10, 2018
އަދި މި ކަމުގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުން ވެސް ދިރާސާކޮށް ހޯދުންތައް ހޯދުމަށް ރައީސް މައުމޫން ގޮވާލެއްވިއެވެ. ތާރީޚާއި ސަޤަފަތާއި ބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީ ކަމަށްވާ ހެރިޓޭޖް މިނިސްޓްރީގެ ވަޒީރަކީ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ.
މީލާދީ ގޮތުން 1153 ވަނަ އަހަރު ބުޑިސްޓް ދީނުގައި އޮތް ދިވެހިރާއްޖެ އިސްލާމްވި ގޮތާއި ބެހޭ ގޮތުން ތަފާތު އެކި ވާހަކަތައް ކިޔައި އުޅެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތައް އިސްލާމްވި ތާރީޚުތަކާއި ބެހޭ ގޮތުން ބައެއް ޚިލާފުތައް ހުރެއެވެ. ރާއްޖެ އިސްލާމްވި ދުވަސް އާދިއްތަ ދުވަހު ފާހަގަކުރަމުން ދިޔައިރު، ތާރީޚު ދިރާސާކުރާ ބައެއް ޒުވާނުން ސޯޝަލް މީޑިއާގައި އެކަމާއި ބެހޭ ގޮތުން ބަހުސްތަކެއް ކުރިއެވެ.