ދަނޑުވެރިކަމާއި ގުޅޭ ގޮތުން ރާއްޖެއަށް އެތެރެކުރެވޭ ތަކެތިން ޑިއުޓީ މާފުކުރުމާއި ގުޅޭ 'ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް' ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ. މި ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކުރުމާއި، އިގްތިސާދުން ވީހާ ވެސް ގިނަ ބަޔަކަށް ފާއިދާކުރާނެ ގޮތެއް ހައްދަވައި ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް އިސް ވައުދެއް ކަމަށެވެ. ޝަރީފް ވިދާޅުވީ އިސްލާހު ގެނައުމުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަމުގެ ބޭނުމަށް ކުރެވޭ ތަކެތިން ޑިއުޓީ މާފުކޮށް، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އިތުރު ހިތްވަރު ދިނުމާއި ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
"ހަމަ އެހެންމެ އަލަށް ދަނޑުވެރިކަމަށް އަންނަ ފަރާތްތަކަށް އެކަމުގެ ހިތްވަރު ދިނުމާއި ތަރުހީބު ދިނުން. ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި. ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން ޑިއުޓީ މާފުކުރުމުގެ އިތުރަށް ދަނޑުވެރިން އުފައްދާ ތަކެތި ފުޅާ ދާއިރާއެއްގައި މާކެޓް ކުރެވި، އެއަށް ހަމަ އަގު ލިބި، އެ ތަކެތި ވިއްކޭނެ އިންތިޒާމްތައް ގާއިމްކުރެވުމަކީ މުހިންމު ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރަށް ފުރަތަމަ ކޮށްދެވޭނެ އެންމެ މުހިންމު ކަމަކީ ދައުލަތަށް ޑިއުޓީގެ ގޮތުގައި ނެގޭ މިންވަރު ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތިން މާފުކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާ އިން ދަނޑުވެރިންނަށް ބޭނުންވާ ހުރިހާ ތަކެތިން ވަރަށް ފުޅާދާއިރާއެއްގައި ޑިއުޓީ މާފުކުރުމުގެ ފުރުސަތު ދަނޑުވެރިކަމުގެ ވުޒާރާ އިން ކަނޑައަޅާ ސިޔާސަތެއްގެ ތެރެއިން، ކަނޑައަޅާ ބާވަތްތަކުން ޑިއުޓީ މާފުވެގެންދާނެ ގޮތަށް ގާނޫނުން ފަހި ފުރުސަތެއް ގާއިމްކޮށް ދެވިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ފަސް ވަނަ މާއްދާގެ (މ) އަށް ގެންނަ އިސްލާހުގައި ބުނެފައި ވަނީ ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތީގެ ތެރެ އިން ދަނޑުވެރިކަމާއި ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާ އިން ޑިއުޓީ މައާފްކުރުމެވެ.