ނުފޫޒެއް ނުފޯރާ ގޮތަށް ކޯޓުތަކުން ހުކުމް ކުރެވޭ ފެންވަރަށް މިގައުމުގައި ކަންކަން ތަންފީޒު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ މުސްތަޝާރު އަދި ވިޔަފާރި ވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވެއްޖެއެވެ.
އެމްޓީޑީގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނާ ހިއްސާ ކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިފް ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ސިޔާސީ ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ މެމްބަރެއް ހައްޔަރުކޮށްފިނަމަ އެމީހަކު ދޫކޮށްލަން ގޮވާލާ ކަމަށާއި، ނަމަވެސް އެމްޓީޑީ މިހާތަނަށް އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި ޝަރުއީ ކޯޓުތަކުގެ ނިޒާމަށް ފާޑު ކިޔައި، އެނިޒާމު ބަދަލުކުރަން ނުގޮވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ ކުށެއް ކޮށްފިނަމަ އެއީ ކުއްވެރިއެއް ކަމަށާއި، ކޮންމެ ޕާޓީއެއްގެ މީހަކަސް އެކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޝަރުއީ ކޯޓުތަކަށް އެއްވެސް ފަރާތެއް ނުފޫޒު ނުފޯރުވޭ މިންވަރަށް ކަންކަން ބަދަލު ކުރަންޖެހޭ ކަމަށާއި، އެޕާޓީން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ވެސް މިފަދަ ވަރުގަދަ ނިޒާމެއް ގާއިމް ވެގެންދާ ދުވަސް ކަމަށް އާސިފް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ އެންމެނަށް ވެސް އެމީހުންގެ ހައްގެކޭ އެއީ ފްރީ އެންޑް ފެއާ ޓްރެއިލް އެއް. ވާހަކައަކީ ރާއްޖޭގެ މިނިޒާމުގެ ތެރެއިން އެމީހުންގެ ކުށެއްވާނަމަ ކުށެއްވާކަން. ކުށެއް ނުވާނަމަ ކުށެއް ނުވާކަން އަދި ތަހުގީގު މަރުހަލާއިން އެކުށް ސާބިތުކުރެވެން ޖެހޭނެ. ގެންގޮސްފައި ވަކިތަނެއްގައި އެކަހެރިކޮށްފައި ބާއްވާފައި. އެގޮތަށް ބަޔާން ނަގާފަ އެހުކުމް ކުރެވުނީމަ އެގޮތް ކަމުނުދާތީއޭ މިހާރު މިއައި ސަރުކާރަށް ރައްޔިތުން ވޯޓު ދިނީ. އެހެންވީމަ މިސަރުކާރުން އެކަންކަން ކޮށްދޭން ޖެހޭނެ. އަޅުގަނޑުމެންނަށް މިއަދު ފެންނަނީ ވަރަށް ބޮޑަށް އެއްފަރާތަކަށް ޖެހިފައި އޮންނަ ގޮތަށް މީހުންގެ ވާހަކަތައް،" އާސިފް ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަކީ އެންމެންގެ ވެސް ހައްގެއްކަން ފާހަގަކުރައްވައި އާސިފް ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު ވަކި މީހަކަށް ކުރުމަށްފަހު، ވަކި މީހެއް ވާހަކަ ނުދައްކާ ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ކޮރަޕްޝަނާއި އެހެންވެސް ވާހަކަތައް ދައްކާއިރު ވަކި ބައެއްގެ ވާހަކަ ނުދައްކާ ވަކި މީހަކު އެކަނި ފާހަގަކޮށްގެން ވާހަކަ ދައްކަވަނީ ކީއްވެގެންތޯއޭ. މިސާލަކަށް އަދީބުގެ ވާހަކަވާ ބޭފުޅުން އަދީބުގެ ވާހަކަ ދައްކަވަނީ ކީއްވެގެންތޯއޭ. ކީއްވެގެންތޯއޭ ޔާމީންގެ ނާންނަނީ. ކޮބައިތޯއޭ މައްސަލައަކީ؟ ޔާމީންއާ ކޮންކަހަލަ ޑީލެއް ހަދާފަ އޮތީތޯއޭ،" އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އެޕާޓީން މަސައްކަތް ކުރާނީ އަބަދު ވެސް އިންސާފަށް ކަމަށާއި، ވަކި މެންބަރެއްގެ ހައްގު ވަކި ބަޔަކު ދެކެވޭ ވާހަކައަކަށް ނިގުޅައި ނުގަނެވޭނެ ކަމަށެވެ.