ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުދު، ވެރިކަމަށް މަހެއް ނުވަނީސް ފުއްދައިފި ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިިރު މައުލޫމާތު ދެއްވައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުން ހޯމަ ދުވަހު 4 ޖަހާއިރު ކ.މާފުށީގައި އިފްތިތާޙު ކުރެވިގެން ދާނެ ކަމަށެވެ.
މި ރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވާނީ ނައިބުރައީސް ފައިސަލް ނަސީމް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެގޮތުން ރާއްޖޭގެ 11 އަތޮޅެއްގެ 17 މިސްކިތެއްގައި ޤުރުއާން ކިޔަވައިދިނުން ފެށިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދެެ ދަންފަޅިއަށް ބަހާލައިގެން ގެންދާ މި ކްލާސްތައް 3 ބަޔަކަށް ބެހިގެންދާނެ ކަމަށާއި، އެއީ ބަލައިގެން ކިޔަވަން ދަސްކޮށްދިނުމާއި، ހިތުދަސްކުރަން ދަސްކޮށްދިނުމާއި، އަކުރުތަކާއި މަޚުރަޖަތައް ދަސްކޮށްދިނުން ކަމަށް މިނިސްޓަރ މައުލޫމާތުދެއްވިއެވެ. އެގޮތުން މިސްކިތްތަކުގައި ޤުރުއާން ކިޔަވަދިނުމުގެ ފުރަތަމަ މަރުހަލާގައި ކިޔަވައިދެއްވާނީ ޤާބިލު މުދައްރިސުންނާއި އިމާމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން އެބަ ފަށަން 11 އަތޮޅެއްގަ 17 މިސްކިތެއްގަ މި ކްލާސްތައް، މިއަދު އިރާދުކުރެއްވިއްޔާ ފެށިގެންދާނެ. އަޅުގަނޑުމެން ފުރަތަމަ މަރުހަލާގައި މިސްކިތްތަކުގެ އިމާމުން މެދުވެރިކޮށް ޤުރުއާން ކިޔަވައި ދިނުމުގެ ކްލާސްތައް މި ކުރިއަށް ގެންދަނީ. ދެން ބައެއް އެހެނިހެން މުދައްރިސުން ލައްވާވެސް އަޅުގަނޑުމެން ކުރިޔައްގެންދަން އެބަ މި މަސައްކަތް،" މިނިސްޓަރ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރެއިން ވެރިކަމުގެ ފުރަތަމަ 30 ދުވަހާއި، 60 ދުވަހާއި 100 ދުަވަހުގެ ތެރޭގައި ކުރަން ރާވާފައިވާ އިތުރު ކަންކަމާއި ގުޅޭގޮޮތުން ވާހަކަދައްކަވާފައެވެ.