އަންނަ މަހުގެ 18 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ދެ ދުވަސް ތެރޭގައި 52 ފޯމް ހުށައަޅާފައިވާ ކަމަށް އެޕާޓީއިން ބުނެފިއެވެ.
އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ މަޖިލީސް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ދެދުވަހުގެ ތެރޭގައި 52 ފޯމު ހުށައަޅުއްވާފައިވާ ކަމަށާއި ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު މަހުގެ 19 ވަަނަ ދުވަހުގެ 4:00 އަށް ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރެއްވުމުގެ ހުރިހާ އިންތިޒާމް ތަކެއްވެސް ޓައިމްލައިނާއި އެއްގޮތައް ކުރިއަށް ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ
މީގެ އިތުރުން މަނިކު ވިދާޅުވީ އެމްޑީޕީގެ މެމްބަރަކަށް ވުމަށް އެދި މެމްބަރޝިޕް ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ލެވޭނީ މިމަހުގެ 7 ވަނަ ދުވަހުގެ 11:00ގެ ކުރިން ޕާޓީގެ މެމްބަރަކަށް ވުމަށް އެދި މެމްބަޝިޕް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މެމްބަރޝިޕް ފޯމު ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރި މީހުން ވަނީ އެކި ދާއިރާތަކުން ގިނަ އަދަދަކަށް މެމްބަރޝިޕް ފޯމު އެ ޕާޓީއާ ހަވާލުކޮށްފައެވެ. އެގޮތުން މިހާތަނަށް 33000 އަށްވުރެ ގިނަ މެމްބަޝިޕް ފޯމު އެޕާޓީން ބަލައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެޕާޓީން މިހާރު ކުރަމުން ދަނީ މެމްބަރޝިޕް ފޯމު ވެރިފައި ކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިންމާލައި،ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މަހުގެ 13ގައި އިއުލާން ކުރާނެ ކަމަށް އެމްދީޕީން ބުނެއެވެ. އަދި އެ ދުވަހު ވޯޓާސްލިސްޓަށް ޝަކުވާ ހުށަހެޅަން ހުޅުވާލާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެމްޑީޕީން ގެންގުޅޭ އެ ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދަކީ 49،000 އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދަކީ 29،008 އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީއަކީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 48،129 އެވެ..