އިންސާނީ އަސާސީ ހައްޤުތައް ކަށަވަރުކޮށް ނުދޭނަމަ މިސަރުކާރު ދެމިއޮތުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދެވޭނީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށްދެވިގެންކަމަށެވެ. އަދި އަދުލު އިންސާފު ނުލިބޭނަމަ، އިންސާފު ހޯދައި، އިންސާފު ލިބޭކަން ކަށަވަރުކުރުމަށް އެކަމަށް އަޑު އުފުލަން ޖެހޭނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސް ސޯލިޙް ވިދާޅުވީ ވަގުތީ ގޮތުންނަމަވެސް ރައްޔިތުންގެ ހައްޤުތައް ހަނިކުރުމުން މުޅި ނިޒާމް ގަޑުބަޑު ވެގެންދާކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްޤުތައް ކަށަވަރުކޮށްދީގެން މެނުވީ ދިވެހިން އެދޭ ރާއްޖެއެއް ނުހޯދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގައި ފާހަގަކުރާ ދުވަހާއި ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް އިތުރަށް ވިދާޅުވީ މިސަރުކާރުގައި ޖަލުގައިނަމަވެސް އަދި އެހެން ތަނެއްގައިނަމަވެސް އިންސާނީ ހައްޤުތައް ނިގުޅައިގަތުމުގެ ފުރުސަތެއް ނުދެއްވާނެކަމަށެވެ. އަދި މިސަރުކާރަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާނެ ސަރުކާރެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަލިއަޅުއްވާލައްވައި ރައީސް ސޯލިޙް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އެތައް ގުނައެއް ފަހަތަށް ޖެހިފައިވާކަމަށެވެ. އަދި ރައްޔިތުންގެ އެތައް ހައްޤުތަކެއް ގެއްލިފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިސަރުކާރުގައި ރައްޔިތުންނަށް ސަރުކާރަށް ފާޑުކިޔޭނެކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ހޯއްދަވައިދެއްވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ. ހަމައެއާއިއެކު އަންނަ އަހަރު މިދުވަހު އެމަނިކުފާނު ދައްކަވާ ވާހަކަފުޅުގައި ރާއްޖެ ނޫސްވެރިކަމުގައި މިނިވަންކަމުގައި ކުރިއެރުން ހޯދި ވާހަކަ ހާމަކުރައްވާނެކަމަށް ރައީސް ސޯލިޙް ޔަޤީންކަން ދެއްވިއެވެ.
އުކުޅަހުގެ ބިމުގެ ދަތިކަމުގެ ވާހަކަ ފާހަގަކުރައްވަމުން ރައީސް ސޯލިޙް ވިދާޅުވީ އެރަށުން ގޯތި ދޫނުކުރާތާ 21 އަހަރުވެފައިވާކަމަށެވެ. އަދި އަންނަ އަހަރު އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު އެރަށުގެ ނަރުދަމާ ނިޒާމް ހިންގަން ބޭނުންވާ ފައިސާވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ސޯލިޙް ވަނީ އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރި ކޮންގްރެސް ބޭއްވީ އެރަށުގައި ކަން ފާހަގަކުރައްވާފައެވެ. އުކުޅަހަކީ އެމްޑީޕީ ފެށުނީއްސުރެ އެޕާޓީއަށް ތާޢީދު އެންމެ ބޮޑު އެއް ރަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމަނިކުފާނު ދަތުރުފުޅު ކުރައްވާނެކަމަށާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޑައިނުގެންނެވުނު އުކުޅަހަކީ އެދަތުރުފުޅުތަކުގެ ސިލްސިލާގެ ފެށުންކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލީހް ވިދާޅުވީ އުކުޅަހަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރަމުންދާ ދަތުރުގެ މުހިއްމު ރަށެއްކަމަށެވެ. އަދި އެރަށަކީ ޖަޒީރާވަންތަ ތަރައްޤީގެ މިސާލެއްކަމަށް ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އެރަށަކީ ރަށުގެ ރައްޔިތުންގެ އަމިއްލައަށް އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ، އެހެން ރަށްރަށް މިސާލެއްކަމަށެވެ. އަދި ލޯކަލް ޓޫރިޒަމްވެސް އެރަށުގައި ފުޅާ ވެފައިވާއިރު، އެރަށުގައި 370 ޓޫރިސްޓް އެނދު ހުރިކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އެކި ވިޔަފާރިތައް ފެށި، ތިމާވެށި ހިމާޔަތްކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ އަތުން ނަގާފައިވާ ބައެއް ބާރުތައް ދޫކޮށްފައިވާއިރު، ލާމަރުކަޒީ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެރިކަމުގެ ބާރުތައް މައި ސަރުކާރަށް ޖަމާ ނުކުރާނެކަމަށެވެ. އަދި ރާއްޖެ ތަރައްޤީކުރެވޭނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިންކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ތަކުރާރުކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާއި ހަމަޔަށް މިސަރުކާރު ދެމި އޮންނާނީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމަށްކަމަށެވެ.