ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 6 ބިލެއް މަޖިލީހަށް ހުށަހަޅައި، ބަހުސްގެ މަރުހަލާ ކުރިއަށް ގެންދަން އެޖެންޑާކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާފައިވާ ހަ ބިލު މަޖިލީހަށް ހުށަހަޅުއްވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހަ މެމްބަރުންނެވެ. އެ މެމްބަރުން ހުށަހަޅުއްވާ ބިލުތަކުގެ ތެރެއިން އެންމެ ބިލެއް ފިޔަވައި އެހެން ހުރިހާ ބިލަކީ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތަކެކެވެ.
ވިސްލްބްލޯވކުރާ ފަރާތްތަކަށް ރައްކާތެރިކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ސްޕޮންސަރ ކުރައްވާފައި ވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެވެ. ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ. ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ ކުޅުދުއްފުށީ އުތުރު ދާޢިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ސްޕޮންސަރ ކުރައްވާފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމު (ރުކުމާ) އެވެ. މީގެ އިތުރުން ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީއެވެ.
ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާފައިވާ ބިލުތަކާ އެކު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުތަކުގެ އަދަދު ނުވައަކަށް އަރައެވެ. އެ ބިލުތަކުގެ ތެރެއިން މަޖިލީހުން ފާސްވެފައި ވަނީ އެންމެ ބިލެކެވެ. ކޮމެޓީ މަރުހަލާގައި ދެ ބިލެއް ދިރާސާ ކުރަމުންދެއެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ހާސިލު ކުރުމަށް، މަޖިލީހަށް ހުށަހަޅަންޖެހޭ މުހިއްމު ބިލުތައް ފާސްކުރުމަށް މަޖިލީހުގެ ތިން ވަނަ ދައުރުގެ މުއްދަތު މި މަހުގެ 15 އާ ހިސާބަށް ވަނީ އިތުރުކޮށްފައެވެ.