މިއަދުގެ ޖީލަށްވުރެ ދީނަށް މާ ބޮޑަށް ލޯބި ކުރާ ޖީލެއް އުފެއްދުމަކީ އުންމީދެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ އެއް ޖީލުން އަނެއް ޖީލަށް އިސްލާމްދީން ގެންގޮސްދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އާންމުން ފަރުދީ ޒިންމާ އަދާކުރަންޖެހޭނެ ކަމަށެވެ. ހާއްސަކޮށް ދީނީ އިލްމުވެރިން ހިކުމަތްތެރިކަމާއި އެ މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިން ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކުގައި ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ. އެގޮތުގައި މަސައްކަތް ކުރެވިއްޖެނަމަ، ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެވިއްޖެނަމަ، އަޅުގަނޑުގެ އުންމީދަކީ އަދި ދުވާއަކީ މާތްﷲ އަޅުގަނޑުމެންގެ މިއަދުގެ ޖީލަށް ވުރެ، މާ ދީނަށް ލޯބިކުރާ އިއްޒަތްތެރި ޝަރަފުވެރި ކަރާމާތްތެރި އަދި އަހުލާގު ރަނގަޅުވެގެންވާ ޖީލެއް އަޅުގަނޑުމެންނަށް މާދަމާ އުފެއްދުން،" އިމްރާން ވިދާޅުވިއެވެ.
މި ޖީލުގެ އެންމެ ބޮޑު ޒިންމާއަކީ އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމިއްތާއި އިސްލާމީ ވަންތަކަމާއި އިސްލާމީ ރިވެތި އަހުލާގު ފޯރުކޮށްދިނުން ކަމަށާއި އެއީ ބޮޑު މަސައްކަތެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1544385817.jpg)
ތަފާތު އެކި އޮއިވަރުގެ ސަބަބުން ނުބައި އަސަރުތަކެއް ޒުވާން ޖީލަށްކޮށްފައިވާ ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ މި ހާލަތުން އަރައިގަނެވޭނީ އިސްލާމީ ތަރުބިއްޔަތަކުން ޒުވާނުން ތަރުބިއްޔަތުކޮށް، ރިވެތި އަހުލާގެއް އެ ޒުވާނުންގެ ކިބައިގައި، އަށަގަންނަވައިގެން ކަމަށެވެ.
އަޅުގަނޑުމެން އެއްކޮށް މަސައްކަތްކޮށްފިނަމަ، ކާބަފައިން އިސްލާމް ދީނާއި ގައުމިއްޔަތު ހިމާޔަތްކޮށްދިން ފަދައިން އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ހަރުކަށި ކަމާއި ދެކޮޅުވެރިކަމާއި ނޭންގާނީކަން ދުރުކޮށް، ސުލްހަ އާއި އަމާންކަމުގެ ވެއްޓެއްގައި އިސްލާމް ދީން މަތިވެރިކޮށް، ދީނަށް ނަސްރު ދިނުން. އިސްލާމް ދީން ދައްކައިދޭ ރިވެތި މަގަކީ އެއީ. އަޅުގަނޑުމެންނަށް ދައްކައިދެނީ ރިވެތި އަހުލާގު ރިވެތި ނަމޫނާ ރިވެތި މިސާލު،" އިމްރާން ވިދާޅުވިއެވެ.
ރާއްޖެ އިސްމާލްވި ދުވަސް ފާހަގަ ކުރުމަށް އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.