ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުން ފިޔަވާ ހުރިހާ މެމްބަރުން ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ފައިސާގައި ހިފާފައިވާކަމަށް ކުރީގެ ސަރުކާރުގެ ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝިނާން (ނާނީ) ބުނެފިއެވެ.
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް އާދިއްތަ ދުވަހުގެރޭ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝިނާން ބުނީ މަޖިލީހުގައި ތިބި ތިން މެމްބަރުން ފިޔަވާ އެހެން ހުރިހާ މެމްބަރުން ވެސް ކޮރަޕްޝަންގެ ފައިސާގައި ހިފާފައިވާ ކަމަށާއި އެކަން ވަރަށް ރަނގަޅަށް އެގޭކަމަށެވެ.
"ކޮރަޕްޝަންގައި ނުހިފާ އެއް ވެސް މެމްބަރެއް ނެތް ތިތަނުގައި. އަޅުގަނޑު ވަރަށް ކެރި ހުރެގެން މިހެން މިބުނަނީ. ކޮރަޕްޝަނުގެ ލާރީގައި ހިފާފައި ތިބި ގިނަ މެމްބަރުން. މަޖިލީހުގައި ތިބި ތިން މެމްބަރުން ނޫން ހުރިހާ މެމްބަރުން ތިބީ ލާރީގައި ހިފާފައި،" ޝިނާން ބުންޏެވެ.
އެހެން ނަމަވެސް ރިޝަވަތުގެ ފައިސާގައި ހިފި މެމްބަރުންގެ ނަންތަކެއް ޝިނާން ބުނެފަ އެއް ނުވެއެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދޭން ޖެހިއްޖެނަމަ ކިޔައި ދޭނެކަމަށް އޭނާ ބުންޏެވެ.
ޝިނާން ބުނީ ބައެއް ފަރާތްތަކުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ނަން ހަމައެކަނި ނަންގަވައިގެން ވާހަކަ ދައްކަމުން ދާއިރު އެއީ އިންސާފެއް ނޫންކަމަށެވެ. އެމް.އެމް.ޕީ.އާރް.ސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން އަދީބު އަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާކަމަށް ޝިނާން ބުންޏެވެ.
އެމްޓީޑީ އާއި ގުޅުނީ އަދީބު މިނިވަންކުރަން ގޮވާލަން ނޫން ކަމަށާ،އި އެ ޕާޓީއާ ގުޅެން ބޭނުންވީ ގިނަ ޒުވާނުންތަކެއް ގުޅެމުންދާތީ ކަމަށާއި، އަދި އެޕާޓީއަކީ މުސްތަގްބަލުގައި ކުރިއަށް ދާނެ ޕާޓީ އެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ޝިނާން ބުންޏެވެ.