މި ސަރުކާރުގެ އަޒުމް ވަރުގަދަ ކުރާނީ ކޮރަޕްޝަންގެ ނުބައި ސަގާފަތް ރާއްޖެ އިން ނައްތާލުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލް އަގްވާމި އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮރަޕްޝަން ނައްތާލެވޭނީ ދައުލަތުގެ އެކި ނިޒާމްތަކާއި މުއައްސާސާތައް ބާރުވެރި ކުރެވި، ހަރުދާނަ ކުރުމުން ކަމަށެވެ.
Bainal aqwamee Anti-Corruption dhuvahu alhugandu ge sarukaarun azum varugadha kuraanee corruption ge nubai sagaafaiy Raajje in nahthaalaa, corruption nethikohlan dhaulathuge eki nizaam thakaai muassasaa thah baaruveri kuruvai harudhanaa kurumasheve.
— Ibrahim Mohamed Solih (@ibusolih) December 9, 2018
ރައީސް ސޯލިހު މިހެންވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ހުރިހާ އިދާރާތްތަކުން އެއްބާރުލުން ދޭން މިއަދު ނެރުއްވި ހިތާބުގައި އިލްތިމާސްކުރައްވާފައެވެ.
ރައީސް ވެވަޑައިގެންފައިވާ ވައުދު ހަނދުމަފުޅު ކުރައްވަމުން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުންކަމަށެވެ. ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އެއް އަމާޒުކަމުގައި ރައީސް ވިދާޅުވިއެވެ.