ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ކަމާއިގުޅޭ މުއައްސަސާތަކުގެ ކިބައިން ތަކުރާރުކޮށް އެދިފައިވާނެކަމަށް އޭސީސީގެ ރައީސް ލުތުފީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އޭސީސީގެ ރައީސް ޙަސަން ލުތުފީ ދެއްވި ޚިޠާބުގައި، ވިދާޅުވީ އެކަމަކީ ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ބާރުއަޅާ ކަމަކަށް ވުމާއެކު އެކަން ކުށަކަށް ހެދުމަށް ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަަަމަށާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނުތަކުގައި "ނުހަނު ބޮޑެތި ބާގަނޑުތައް" ހުރުމާއެކު އެކަންކަން އިސްލާހު ކުރަން ޖެހޭކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން މިއަހަރުގެ މިހާތަނަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ގެއްލިފައިވާކަން ފާހަގަކުރައްވަމުން ލުތުފީ ވިދާޅުވީ ދަޢުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.
ލުތުފީގެ ޚިޠާބުގައި ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 539 މައްސަލަ އޭސީސީއަށް ހުށައަޅާފައިވާކަމަށާއި، އޭގެތެރެއިން 203 މައްސަލައަކީ އެކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ބަލަން ފަށާފައިވާ މައްސަލަތައް ކަމަށެވެ. އަދި މި އަހަރު ސެޕްޓެމްބަރ މަހުގެ ނިޔަލަށް 06 މައްސަލަ، ދަޢުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށާއި، އެ މައްސަލަތަކާއި ގުޅިގެން 10 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދިފައި ވާނެ ކަމަށް ވެސް އޭސީސީގެ ރައީސްގެ ޙިތާބުގައި ވަނީ ވިދާޅުވެފައެވެ.