ރާއްޖެ އިސްލާމްވި ފަހުން ވޭތުވެ މިދިޔަ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގައި އިސްލާމީ ޢަޤީދާ ވަރުގަދަކޮށް އިސްލާމީ ސަގާފަތް ފެތުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު ދަންނަވައިފިއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އިސްލާމްވި ފަހުން ވޭތުވެ މިދިޔަ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގައި އިސްލާމީ ޢަޤީދާ ވަރުގަދަކޮށް، އިސްލާމީ ސަގާފަތް ފެތުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައި ހެޔޮ ދުޢާ ކުރަން ކަމަށެވެ.
ރާއްޖެ އިސްލާމްވި ފަހުން ވޭތުވެ މިދިޔަ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގައި އިސްލާމީ ޢަޤީދާ ވަރުގަދަކޮށް އިސްލާމީ ސަޤާފަތު ފެތުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައި ހެޔޮ ދުޢާ ކުރަން.
— Maumoon Abdul Gayoom (@maumoonagayoom) December 9, 2018
ރާއްޖެ އިސްލާމްވެފައިވަނީ ހިޖްރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރް މަހުގެ ދެވަނަ ދުވަހެއެވެ. މީލާދީ ގޮތުން 1153 ވަނަ އަހަރުއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަނގަކުރަމުން އަންނަނީ ދޭއް ރަބީއުލްއައްވަލް އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ހިތާބްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ސާފު ޢަޤީދާއިން ބޭރުވެގެންދަނީވެސް އަދި ދީނީގޮތުން ހައްދުފަހަނައަޅައި، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައިގަންނަނީވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި، އިސްލާމްދީނުގައިވާ ރަޙްމާއި އޯގާތެރިކަމާއި، ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީކަމަށެވެ.
އެ މަނިކުފާނުގެ ހިތާބުގައި ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.