ކެޑޭޓްގައި ބައިވެރިވުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް ކަމަށާއި ހުޝިޔާރުކަމާއި ހުނަރުވެރި ހުރިހާ އޮފިސަރުންނަކީ ކެޑޭޓުންކަމަށް އެޑިޔުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކ. ގިރިފުށީގައި ކުރިއަށްދިޔަ 20 ވަނަ ކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ކޭމްޕްގެ ސަބަބުން ހުރިހާ ދަރިވަރުންނަށް އެކުދިންގެ އަމިއްލަ ނަފްސު ދަސްވެ އައު ހުނަރުތައް ލިބި އަމިއްލަ ނަފްސަށް އިތުބާރު ކުރުމާ އެކީ ދެމިހުންނާނެ ރައްޓެހިން ލިބުނުކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޔޫތް އޯރގަނައިޒޭޝަނަކީ ކެޑޭޓް އެސޯސިއޭޝަން ކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކެޑޭޓިންގެ މަގްސަދަކީ މުސްތަގުބަލުގައި ފައިދާކުރާނެ، ދިރިއުޅުމާއި ގުޅޭ ހުނަރުތަކެއް ލިއްބައިދީ އަމިއްލަ ސިއްހަތަށާއި މުޖުތަމައަށް ފައިދާހުރި ކުދިން އިތުރުކުރުންކަމަށެވެ. މީގެއިތުރުން ގައުމަށް ދިމާވާ މުސީބާތްތަކުގައި އެންމެ ފުރަތަމަ އިޖާބަ ދޭ ބަޔަކަށް ކެޑޭޓުންވުމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކެޑޭޓް ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ 27 ނޮވެމްބަރު އިން 8 ޑިސެމްބަރުގެ ނިޔަލަށެވެ. ގައުމީ ކެޑޭޓް ކޭމްޕްގައި 27 ސްކޫލަކުން 120 ދަރިވަރުން ބައިވެރިވި އިރު، މާލޭގެ 13 ސްކޫލަކުންނާއި އަތޮޅުތަކުން ބައިވެރި 14 ސްކޫލެކުން ބައިވެރިވި ކެޑޭޓުންނެވެ.
ކޭމްޕްގައި ބައިވެރިވެފައި ވަނީ 13 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނެވެ. ރާއްޖޭގެ ކެޑޭޓުންގެ އިތުރުން ރާއްޖެ އިން ބޭރުގެ 16 ކެޑޭޓުންނާއި ފަސް އޮފިސަރުން ބައިވެރިވި އެވެ. ބޭރުގެ ގައުމުތަކުގެ ތެރެއިން މި ކެޑޭޓް ކޭމްޕްގައި ބައިވެރިވެފައި ވަނީ އިންޑިއާގެ ހަތަރު ކެޑޭޓުންނާއި އޮފިސަރަކާއި، ސްރީ ލަންކާގެ ހަތަރު ކެޑޭޓުންނާއި ދެ އޮފިސަރުންނާއި، އަދި ބަންގްލަދޭޝްގެ ހަތަރު ކެޑޭޓުންނާއި އޮފިސަރެއްގެ އިތުރުން ނޭޕާލްގެ ހަތަރު ކެޑޭޓުންނާއި އޮފިސަރެކެވެ.