ސާރކްގެ މެންބަރު ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ 34 ވަނަ ސާރކް ޗާޓާޑޭގެ މުނާސަބަތުގައި ސާރކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދް ބީ. ސިއާލްއަށް ފޮނުއްވެވި ސިޓީފުޅުގައި ރައީސް ވިދާޅުވީ 1985 ވަނަ އަހަރުގައި ސާރކް އުފެދި ހަރަކާތްތެރިވާން ފެށި ފަހުން، މި ޞަރަޙައްދުގެ ޤައުމުތަކުގައި ތަފާތު އެކި ދާއިރާތަކުން، ޚާއްޞަކޮށް އިޖްތިމާޢީ އަދި އިޤްތިޞާދީ ރޮނގުން ޤައުމުތަކަށް ކުރިއެރުން ހޯދައި ދިނުމުގައި އެ ޖަމްޢިއްޔާ އިން ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމަށެވެ. އަދި އެއްޤައުމު އަނެއް ޤައުމާ ގުޅުން ބަދަހި ކުރުމުގައި ވެސް ސާރކުން މިހާރު ވެސް އިސް ރޯލެއް އަދާކުރަމުން އަންނަކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދެކުނު އޭޝިޔާ އަކީ މުއްސަނދި ސަޤާފަތެއް ހިމެނޭ ޞަރަޙައްދެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކި ޤައުމުތައް ތަފާތުވީ ނަމަވެސް ހުރިހާ ޤައުމެއް ވެސް އެއްގަލަކަށް އަރައިގެން މަސައްކަތް ފެށީ އޭޝިޔާ ބައްރަކީ ޞުލްޙަވެރި ތަނަވަސް ސަރަހައްދަކަށް ހެދުމަށް ކުރާ އުއްމީދުގެ ސަބަބުން ކަމަށެވެ.
މިއަދުގެ މި މުހިންމު މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި މި ޞަރަޙައްދުގައި ޞުލްޙަ ޤާއިމުކޮށް، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ޤާއިމް ކުރުމަށް ދިވެހިރާއްޖެ އަބަދުވެސް އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައިވެއެވެ. އަދި، ޤައުމުތަކުގެ ތަފާތު އެއްކައިރިކޮށް މި ޞަރަޙައްދުގައި ދިރިއުޅޭ މީހުންގެ ލާބަ އާއި މަންފާއަށް އެންމެން އެކުގައި މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވަނީ ވިދާޅުވެފައެވެ.
ސާކް ޗާޓަރ ޑޭގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ވަނީ ސާކްގެ ސެކްރެޓޭރިއެޓަށް ތަހުނިުޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެމަނިކުފާނުގެ މެސެޖްގައި ފާއިތުވި 30 ވަރަކަށް އަހަރު ދިމާވި ގޮންޖެހުންތަކާއިއެކުވެސް ދެކުނު އޭޝިއާގެ ޤައުމުތަކުގެ ރައްޔިތުންނަށް އައު ފުރުސަތުތަކެއް ހޯދައިދިނުމާއި، ސަރަހައްދީ އައިޑެންޓިޓީއެއް ޤާއިމްކުރުމުގައި ސާކްއިން ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އިތުރު އަހަރެއް ސާކްއަށް ފުރޭއިރު، ސަރަހައްދީ ފެންވަރެއްގައި ދެކުނު އޭޝިއާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.