އިސްލާމްދީނުގެ ސާފު ޢަޤީދާއިން ބޭރުވެގެންދަނީ ވެސް އަދި ދީނީގޮތުން ހައްދު ފަހަނައަޅައި، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައި ގަންނަނީވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި، އިސްލާމްދީނުގައިވާ ރަޙްމާއި އޯގާތެރިކަމާއި، ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީ ކަމަށާއި، އެހެންކަމުން ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ، އިސްލާމީ ޢަޤީދާގެ އެއްބައިވަންތަކަން ކަމަށާއި، ދިވެހިންނާ ކުރިމަތިވާ ބޭރުގެ ލާދީނީ އޮއިވަރުތަކުން، މި ރާއްޖެ ޙިމާޔަތްކޮށް ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައަކީވެސް އިސްލާމީ ޢަޤީދާގެ ސާބިތުކަމާއި ހަރުދަނާކަން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ފަތުރަމުންދާ ނުރަނގަޅު މަޢުލޫމާތުގެ ސަބަބުން، އެތައް ދިވެހީންނެއް މަގު އޮޅި، ލޯބިވާ އާއިލާތަކާ ވަކިވެ، މި ދުނިޔެ ދޫކުރަމުންދާކަމީ، ދިވެހިން ނުހަނު ހިތާމަކުރާ ކަމެއްކަމަށާޢި، ލާދީނީ ފިކުރުތައް ދިވެހި ޒުވާން ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން، ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުންވެސް އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން މިއަދު ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ.