ޕެލިކަން ބޯޓު އަޑިއަށް ގޮސް ހަލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ބޯޓްގެ ވެރިފަރާތުން ބުނެފިއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން އިންޓަވިއު އެއްގައި ބޯޓުގެ ވެރިފަރާތް ކަމަށްވާ ނ. މާޅެންދޫ ކުއްޅަވައްގޭ މުހައްމަދު ހަސަން ބުނީ ބޯޓު މާޅެންދޫގެ ނެރުމައްޗައް އަރާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 5:45 ހާއިރު ކަމަށާއި ފަރަށް އެރިތާ ދޮޅު ގަޑިއެއްހާ އިރު ތެރޭގައި ކޯސްޓްގާޑުގެ ސިފައިން އެސަރަހައްދަށް ގޮސް ބޯޓުން ދަތުރު ކުރި މީހުން ސަލާމަތް ކޮށްފައި ވާކަމަށެވެ.
އެރޭ ބޯޓު މާލެއިން ފުރައިގެން މާޅެންދުއަށް ދާން ދަތުރުކުރީ ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ބ. އޮތޮޅު ތެރެއިން ލާފައި ކަމަށާއި، ނަމަވެސް އާންމުކޮށް މާލެއިން ފުރައިގެން މާޅެންދު އަށް ދިއުމަށް ބޯޓު ދަތުރު ކުރަނީ ޅ. އަތޮޅުގެ ތެރެއިން ލާފައި ކަމަށް މުހައްމަދު ބުންޏެވެ.
މި ބޯޓަކީ ނ. މަނަދޫ، މާފަރު، ލަންދޫ އަދި މާޅޭންދޫ، މި ހަތަރު ރަށުގެ ވިޔަފާރި ވެރިންގެ މުދާ ހިފައިގެން ދަތުރު ކުރާ ބޯޓެއް ކަމަށާއި މި ހާދިސާ ދިމާވި އިރު ބޯޓުގައި 150 މީހުން ތިބި ކަމަށް ވެސް މުޙައްމަދު ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ބޯޓުން ދަތުރުކުރި ބައެއް މީހުންގެ ފައިސާ އާއި ލަގެޖް ވެސް އޮޔާގޮސް ގެއްލިފައިވާ ކަމަށާއި ބޯޓްގެ އިންޖީނު ވެސް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.
މުޙައްމަދު ބުނީ ބޯޓު އަދިވެސް އޮތީ އަޑީގައި ކަމަށާއި މިހާދިސާގެ ޚަބަރު ފުލުހުންގެ އިދާރާއަށާއި އެޗްއާރުސީއެމްއަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.