އަންނަ މަހުގެ 18 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއާ ގުޅިގެން، ހުށަހެޅި މެމްބަރޝިޕް ފޯމުތަކުގެ އަދަދު 30،000 އަށް އަރާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލެވޭނީ ހުކުރު ދުވަހުގެ ނިޔަލަށް އެ ޕާޓީއަށް މެމްބަރޝިޕް ފޯމު ހުށަހަޅާފައިވާ މީހުންނަށެވެ. އަދި ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅޭނީ ވެސް އެ މުއްދަތާ ހަމަައަށް އެ ޕާޓީގެ މެމްބަރަކަށްވާ ފަރާތްތަކަށެވެ.
މެމްބަރޝިޕް ފޯމު ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރި މީހުން ވަނީ އެކި ދާއިރާތަކުން ގިނަ އަދަދަކަށް މެމްބަރޝިޕް ފޯމު އެ ޕާޓީއާ ހަވާލުކޮށްފައެވެ. އެގޮތުން ހުކުރު ދުވަހުގެ މެންދަމު ވެސް އެމްޑީޕީން ވަނީ މެމްބަރޝިޕް ފޯމު ބަލައިގެންފައެވެ.
އެމްޑީޕީގެ އަމީން އާންމުގެ ނާއިބު އަފްޝާން ލަތީފު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ޕްރައިމަރީއާ ގުޅިގެން ހުށަހެޅި މެމްބާޝިޕް ފޯމުތަކުގެ އަދަދު 30،000 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ޕާޓީން މިހާރު ކުރަމުން ދަނީ މެމްބަރޝިޕް ފޯމު ވެރިފައި ކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިންމާލައި، ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މަހުގެ 13ގައި އިއުލާން ކުރާނެ ކަމަށް އަފްޝާން ވިދާޅުވިއެވެ. އަދި އެ ދުވަހު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅަން ހުޅުވާލާނެ ކަމަށް އަފްޝާން ވިދާޅުވިއެވެ.
އެމްޑީޕީން ގެންގުޅޭ އެ ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދަކީ 49،000 އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދަކީ 29،008 އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީއަކީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 48،129 އެވެ.