އައްޑޫ ސިޓީ ރައްޔިތުން ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތަށް ކުރާ އުންމީދު ހަގީގަތަކަށް ހައްދަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓަރު އަމީން އައްޑޫއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅުގައި އައްޑޫސިޓީ ޓާޝަރީ ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ވިދާޅުވީ، އައްޑޫއަށް ޓާޝަރީ ފެންވަރުގެ ސިއްޙީ ޚިދްމަތް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށާއި، އައްޑޫގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މިސަރުކާރުގައި ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިހޮސްޕިޓަލުން ރައްޔިތުން އުންމީދުކުރާ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށާއި، އުންމީދު ކުރަނީ އެފަދަ ހޮސްޕިޓަލަކަށް ވެގެންދިއުން ކަމަށެވެ. ނަމަވެސް ދުރުމުސްތަގުބަލަކަށް ވިސްނާއިރު އައްޑޫގެ މިޓާޝަރީ ހޮސްޕިޓަލުގެ ބައެއް ކަންކަމަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ އެހެން ހިސާބުތަކުން މިހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށް މީހުންނަށް އާދެވޭނެ ވިސްނުމަކުން މިހާރުންސުރެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަށްވުރެ އަވަހަށް މަސައްކަތް ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހެލްތް މިނިސްޓަރު އަމީން އައްޑޫއަށް ވަޑައިގެންނެވީ ސިއްހީ ހާލަތު ދެނެގަތުމަށް ކަމަށްވާއިރު، މިއީ މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، މަރަދޫ ސިއްހީ މަރުކަޒު، ދަމަނަވެށި، ފޭދޫ ސިއްހީ މަރުކަޒު، އަދި ހުޅުމީދޫ ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައި އެތަނުގެ މުއައްޒަފުންނާއި ވަނީ ވެސް ބައްދަލުކުރައްވާފައެވެ. މިކޮންމެ ބައްދަލުވުމެއްގައި ވެސް އެތަނުގެ ހުރި ދަތިތަކާއި، މިހާރުން މިހާރަށް ރަނގަޅުކުރަން ޖެހޭ ކަންތައްތަކާއި، އަދި ސިއްހީ ޚިދުމަތް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، މުއައްޒަފުންގެ ހުރި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.
މީގެ އިތުރަށް އައްޑޫ ސިޓީގެ ކައުންސިލްއާ ވެސް މިނިސްޓަރު ވަނީ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރު އަމީން އައްޑޫއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. މިދަތުރުފުޅަށްފަހު މިނިސްޓަރު މާލެ ވަޑައިގަތީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.