ގދ. އަތޮޅުގައި ފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން ހާލު ދެރަވެގެން އިތުރުފަރުވާއަށް އައިޖީއެމްއެޗްއަށް ގެނައި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
ގދ. ގައި އޮންނަ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިޔަށް "ހުށިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށް ފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު، ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ގެނައީ އުމުރުން 24 އަހަރުގެ އަހުމަދު ޝާކިރުއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު ވިދާޅުވީ ޝާކިރަށް އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ.
އެމަޖެންސީގައި ޝާކިރު އިތުރުފަރުވާ އަށް މާލެ ގެނައީ ހުކުރު ދުވަހުގެ ރޭ 7:30 ގައެވެ.
ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން މި ހާދިސާގައި ނިޔާވީ އުމުރުން 37 އަހަރުގެ އަމީތު ސައީދުއެވެ. މީގެ އިތުރުން ފީނަން އުޅުނު އުމުރުން 31 އަހަރުގެ މުބާރިކް އަބްދުﷲގެ ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ފީނަން ފޭބި ތިން މީހުންނަކީ ވެސް ދިވެހިންނެވެ. މި މީހުން 44 މީޓަރަށް ވައި ފުޅި އަޅައިގެން 35 މިނިޓު ވަންދެން ފީނާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.