މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ކެންޑިޑޭޓުންނަށް އެޕާޓީގެ ޕްރައިމަރީގައި ބައިވެރިވުމަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ މިމަހުގެ 7 ވީ ހުކުރު ދުވަހު މަޖިލިސް ޕްރައިމަރީ އަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕްރައިމަރީއަށް ކުރިމަތިލުމަށް ބޭނުންވާ މީހުންގެ ފޯމް ބަލައިގަންނަ އެންމެ ފަހުގެ ސުންގަޑި އަކީ މިމަހުގެ 19 ވާ ބުދަ ދުވަހުގެ ހަވީރު 4:00 އެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލީސް އިންތިހާބުގައި ވާދަކުރާ ފަރާތްތައް ކަނޑައަޅާނީ ޕްރައިމަރީ ބޭއްވުމަށްފަހު އެވެ. ނަމަވެސް އެއް ކެނޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކުގެ ޕްރައިމަރީ ނު ބާއްވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެވޭނީ ހުކުރު ދުވަހުގެ ރޭގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށެވެ. ހުކުރު ދުވަހާއި ހަމަޔަށް ގިނަ އަދަދެއްގެ މެމްބަރުން އެޕާޓީ އާއި ވަނީ އަލަށް ގުޅިފައެވެ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރުމަށް ނިންމާފައި ވާއިރު ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީމަހުގެ 18 ވަނަ ދުވަހު އެވެ.