"ސާފުރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ޝިޔާރުގެ ދަށުން މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.
ހޮނިހިރު ދުވަހު ޓާފް ދަނޑުގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
އެގޮތުން މި ޕްރޮގްރާމް ހޮނިހިރު ދުވަހުގެ ހެނދުނު 07:30 އިން ފެށިގެން ގޮސް 10:30 ހަމައަށް ކުރިއަށްދާނެއެވެ. އަދި މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ކުނި މެނޭޖްކުރުމާއި ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށް ދެކި އެ އާދަ ރައްޔިތުންގެ ކިބައިގެން އަށަގެންނެވުމެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެއް ކަމަކީ ކުނީގެ މައްސަލަ ކަމަށާއި އެންމެ ދުވަހަކު ކުނިކަހާލުމަކުން މާލެ ސިޓީ ސާފުނުވާނެ ކަމަށެވެ. ކޮންމެ ވުޒާރާއަކުން ވެސް މަހަކު އެއް ދުވަހު މާލެ ސިޓީ ސާފުކުރުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް މަގުމައްޗަކީ ކުނި އަޅާތަނަކަށް ނުހަދާ ކުނި ނަގާ ތަނަކަށް ހެދުމަށް ޝިފާ ވަނީ ގޮވާލައްވާފައެވެ.
"ވަރަށް ކުރުކޮށް މި ދަންނަވަނީ މަގުމައްޗަކީ ކުނި އަޅާތަނެއްގެ ގޮތުގައި ނަހައްދަވާ މަގުމައްޗަކީ ކުނި ނަގާ ތަނެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް، އެނގިވަޑައިގަންނަވާނެ ފަދައިން މި މާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަތުރުވެރިންނާއި އެކި ކަންކަމުގައި ވަޑައިގަންނަވާ ބިދޭސީންނާއި އެކި އެކި ބޭނުންތަކަށް މާލެ ވަޑައިގަންނަވާ ބޭފުޅުންނަށް ދިވެހިންގެ އަހްލާޤާއި ދިވެހިންގެ ރީތިކަމާއި މަސައްކަތްތެރިކަން ދައްކުވައިދޭނީ މި މާލެސިޓީ ރީތިވެގެން ނަލަވެގެން، އަޅުގަނޑުމެން ލާ ހެދުމަކުން އަޅުގަނޑުމެންގެ ތަރައްޤީއެއް ނުފެނޭ، އަޅުގަނޑުމެންގެ ވަށައިގެންވާ މި އުސް އިމާރާތަކުން ވެސް ތަރައްޤީއެއް ނުފެނޭ، އަޅުގަނޑުމެންގެ ތަރައްޤީއާ އަޅުގަނޑުމެންގެ އަހްލާޤު ދައްކުވާދޭނީ ސާފުތާހިރުކަމުން" ޝިފާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ސާފުކުރުމުގެ މި ޕްރޮގްރާމްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ފުރަތަމަ 30 ދުވަހު ޕްލޭންގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓްރީން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ޕްރޮގްރާމްގައި ރައީސް ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްއާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.