ރާއްޖެ ސާފު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ދިވެހި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ބޭއްވެވި ސާފުކުރުމުގެ ޙަރަކާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ހޮނިހިރު ދުވަހު ސްޓޭޑިއަމް ޓާރފް ދަނޑުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅިރާއްޖެ ސާފްކުރުމުގެ ޕްރޮގްރާމެއް ފެށީ ރާއްޖޭގެ ހިތްގައިމުކަމާއި ނަލަކަން އެގޮތުގައި ދަމަހައްޓައިގެން މެނުވީ ރާއްޖޭގެ ގުދުރަތީ މުއްސަދިކަމުގެ ނަފާ ހެޔޮގޮތުގައި ނުލިބޭނެކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ކުނި ނައްތާލުމަކީ މިރާއްޖޭގެ ކޮންމެ ރަށަކަށް ދިމާ ވެފައިވާ އިޖުތިމާއީ މައްސަލައެއް ކަމަށާއި ގުދުރަތީ ގޮތުން އުފެދޭ ކުންޏައްވުރެ ގިނައިން ފެންނަނީ އަމިއްލައަށް އުފައްދާ ކުނިކަމަށްވެސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މިފަދަ ކޮންމެ ކަމެއް ފެށެނީ ފަރުދުންގެ ކިބައިން ކަމަށްވާތީ ޖަޒީރާ ރާއްޖެ، ރީތި ސާފް ތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ފަރުދީ ޒިންމާގެ ދައުރު ވަރަށްބޮޑު ކަމަށާއި ގޮނޑުދޮށްތަކަށާއި ފަރުތަކަށާއި މޫދަށް ކުނި އެޅެނީ ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރެވޭނެ ފަދަ ސިސްޓަމެއް ނެތުމުން ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށަކަށް މިފަދަ ނިޒާމެއް ބޭނުންވާކަމަށް ގަބޫލު ކުރެޥޭ ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކުނި ނައްތާލެޥޭނެ ނިޒާމްތައް ހަމަޖެއްސުމަކީވެސް ވަރަށް މުހިންމު އިސްކަމެއް ދޭންޖެހިފައިވާ ކަމެއް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
"ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ކިތައްންމެ ކުޑަ ގައުމެއްނަމަވެސް މިރާއްޖޭގެ ފަރުތަކުގެ ނިޒާމަކީ ދުނިޔޭގެ ހަތް ވަނައަށް އެންމެ ބޮޑު ފަރުތަކުގެ ނިޒާމް. މީ ކަނޑުތަކުގެ އެތައް ދިރުން ތަކެއްގެ ގެދޮރުވެސް މެ. އަޅުގަނޑުމެން މިއަދު މިފަށަނީ އަންނަން އޮތް ޖީލުތަކަށް މި މުއްސަނދި ވެށި ފުރިހަމަ ކަމާއި އެކު ފޯރުކޮށްދިނުމުގެ ފުރިހަމަ މަސައްކަތް. ތިމާވެށީގެ ނުރައްްކާތަކުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ޖަޒީރާ ގައުމެއްގެ ލީޑަރެއްގެ ގޮތުގައި ދެމި އޮވެވޭނީވެސް ސާފް ތަނެއްގެ ގޮތުގައި ރާއްޖެ ބާއްވައިގެން." ރައީސް ސޯލިހް ވިދާލުވިއެވެ.
މުޅި ރާއްޖެ ސާފްކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ހިމެނޭ ކަތްތައްތަކުގެ ތެރެއިން ފުރަތަމަ 30 ދުވަހުގެ ޕްލޭންގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓްރީން ކުރަން ނިއްމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.