ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީސް އުވާ ނުލެވެލޭނެ ކަމަށް ކަނޑައަޅައި އަވަސް އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް ހުއްޓާލުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގެ މުއްދަތު އިތުރު ކޮށްފިއެވެ.
ސްރީ ލަންކާގެ ސިޔާސީ މަސްރަހު ހޫނުވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް ކުއްލި ގޮތަކަށް އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވުމާއެކުއެވެ.
ސިރިސޭނާ ވަނީ ލަންކާގެ ޕާލަމެންޓް އުވާލެއްވުމަށްފަހު އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް އަމުރު ކުރައްވާފައެވެ. އެހެން ނަމަވެސް އެ ނިންމެވުން ނިންމެވިތާ 4 ދުވަސް ފަހުން ލަންކާގެ ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.
ވަގުތީ އަމުރުގެ މުއްދަތު އިތުރު ކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ މިމައްސަލައާއި ގުޅިގެން ލަންކާގެ މައި ސިޔާސީ ޕާޓީތަކުންނާއި އެކިއެކި ޖަމާއަތްތަކުން ސުޕްރީމް ކޯޓަށް ހުށައެޅި އެމައްސަލަ ބަލާ ހުކުމްކުރުމާއި ހަމައަށެވެ.
ރަނިލް ބޮޑުވަޒީރުކަމުން ވަކި ކުރެއްވުމަށްފަހު އައްޔަން ކުރެއްވި ރާޖަޕަކްސައަށް ގާނޫނު ހަދާ މަޖިލީހުން ވަނީ ދެފަހަރެއްގެ މަތިން އިތުބާރު ނެތްކަމަށް ވެސް ފާސްކޮށްފައެވެ.