އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމަށް، ޕާޓީގެ މެމްބަރަކަށްވުމަށް ގިނަ ބަޔަކު އއެ ޕާޓީގެ އޮފީސް ކުރިމަތީގައި ކިއޫ ހަދައިފި އެވެ.
އެމްޑީޕީން ބުނީ 11:00 ޖެހުމާއެކު، މެމްބަރޝިޕް ފޯމް ހުށަހެޅުމަށް ނަމްބަރު ދޫކުރުން ހުއްޓާލާފައިވާކަމަށެވެ. ނަމަވެސް ނަމްބަރު ދޫކުރެވިފައިވާ ފަރާތްތަކުގެ ފޯމްތައް ބަލައިގަތުމުގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްގެންދޭނެކަމަށް އެ ޕާޓީން ބުންޏެވެ.
މެމްބަރޝިޕް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 7 ޑިސެންބަރު ވާ ހުކުރު ދުވަހުގެ 23:00 އެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލީސް އިންތިހާބުގައި ވާދަކުރާ ފަރާތްތައް ކަނޑައަޅާނީ ޕްރައިމަރީ ބޭއްވުމަށްފަހު އެވެ. ނަމަވެސް އެއް ކެނޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކުގެ ޕްރައިމަރީ ނުބާއްވާނެކަމަށް އެމްޑީޕީން ބުނެ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭނީ ހުކުރު ދުވަހުގެރޭގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށެވެ.
އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވާ ކެނޑިޑޭޓުންގެ ނަން ހުށަހެޅުމުގެ މުއަދަތު 19 ޑިސެމްބަރުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް ފޯމް ހުށަހަޅަން ޖެހެނީ އެކެންޑިޑޭޓަކަށް ތާއީދު ކުރާ 200 މީހުންގެ ސޮއާއެކު އެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރުމަށް ނިންމާފައިވާއިރު ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 18 ވަނަ ދުވަހު އެވެ.