އެއަރ އިންޑިއާގެ ފްލައިޓް AI264 ފްލައިޓުން އިންޑިއާ އަށް ފުރަން އެރި ފަސިންޖަރުންނަށް ނުފުރި، މަތިންދާބޯޓުގައި ތާށިވެފައި ތިބެން ޖެހިފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފްލައިޓްގައި އިން ފަސިންޖަރަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ އެ ފްލައިޓްގައި ފަސިންޖަރުން ތާށިވެފައި ތިބޭތާ 4 ގަޑިއިރު ވެއްޖެ ކަމަށާއި 1 ގަޑިއިރާއި 45 މިނެޓް ފްލައިޓް ސްޓާޓް ކުރަން މަސައްކަތް ކުރުމަށް ފަހު، އިންޖީނުގައި މައްސަލަ އެއް އުޅޭ ކަމަށް ޕައިލެޓް ބުނެފައިވާ ކަމަށެވެ. އަދި ފްލައިޓްގައި އެހާ ގިނައިރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ތިބެން ޖެހުމުން ބޯ އަނބުރާ، ވަރުބަލިވެ، ހަށިގަނޑަށް އުނދަގޫވާ ގޮތްވެފައިވާ ކަމަށް އެމީހާ ބުންޏެވެ.
ފްލައިޓްގައި ތިބި މީހުންނަށް ކްރޫއިން އެއްވެސް ވަރަކަށް އަޅާ ނުލާކަން ފާހަގަކޮށް އެމީހާ ބުނީ ފްލައިޓުން ކެއުންވެސް ދިނީ ދެ ގަޑިއިރު ފަހުން ކަމަށެވެ.
އެމީހާ އިތުރަށް ބުނީ ފްލައިޓް ކޮކްޕިޓް ކައިރީގައި މީހުން ހިތްހަމަ ނުޖެހިގެން ނުރުހުން ފާޅު ކުރަމުންދާ ކަމަށެވެ.
އެ ފްލައިޓް އަކީ މާލެ އިން ފުރައިގެން ޓްރިވެންޑްރަމަށް އަދި ޓްރިވެންޑްރަމުން ދިއްލީ އަށް ދިޔުމަށް ހަމަޖެހިފައިވާ ފްލައިޓެކެވެ.