ގދ. ގައި އޮންނަ އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯޓު ކައިރިއަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެން ހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން ހާލު ދެރަވި އުމުރުން 24 އަހަރުގެ އަހުމަދު ޝާކިރު، ގދ. ތިނަދޫ އިން މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އައިޖީއެމްއެޗްގެ ފަރާތުން ބުނީ އޭނާ އަށް އަޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލާތާ ދޭތެރޭގައި އަދި ވަކި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. އަދި އޭނާ އައިޖީއެމްއެޗް އަށް ގެނެވިފައިވަނީ މިރޭ 7:30 ގައި ކަމަށް ވެސް އައިޖީއެމްއެޗް އިން ބުންޏެވެ. ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން މި ހާދިސާގައި އުމުރުން 37 އަހަރުގެ އަމީތު ސައީދު ވަނީ ނިޔާވެފައެވެ. މީގެ އިތުރުން ފީނަން އުޅުނު އުމުރުން 31 އަހަރުގެ މުބާރިކް އަބްދުﷲގެ ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް ލިބިފައިވަނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ފަތިހު 5:14 ހާއިރު ކަމަށެވެ. މިކަމުގެ ރިޕޯޓް ލިބުމާއި އެކު ތިނަދޫ ސީ އެމްބިއުލާންސް އެ ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންދިޔަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ފީނަން ފޭބި ތިން މީހުންނަކީވެސް ދިވެހިންނެވެ.
މިމީހުން 44 މީޓަރަށް ވައި ފުޅި އަޅައިގެން 35 މިނިޓު ވަންދެން ފީނާފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.