2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައްކަވާ ވާހަކަ ޤަބޫލުކުރެވޭކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އަދީބު ހައްޔަރުކުރި ފަހުން ރައީސް ޔާމީންގެ އެންމެ އަރިސް ވަޒީރެއްގެ ގޮތުގައި އިންތިޚާބާއި ހަމަޔަށް ހުންނެވި ޝައިނީ ވަނީ ހުކުރު ދުވަހު އަދީބުއާއި ބައްދަލުކުރެއްވިކަން ހާމަކުރައްވާފައެވެ. އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަދީބާއި ބައްދަލުކުރެއްވީ "ލޯންޗް ގޮއްވާލި ޙާދިސާގައި އޭނާ މަރާލަން އުޅުނީ ކާކުތޯ" ސާފުކުރުމަށްކަމަށެވެ. އަދި އެކަމުގައި އަދީބު ދެއްކެވި ވާހަކަފުޅު ޤަބޫލުފުޅު ކުރައްވަން ފަސޭހަކަމަށް ޝައިނީ ވިދާޅުވިއެވެ.
After a long time I just met @Ahmed_Adeeb to clarify who tried killing me in the launch blast. His version is very plausible.
— Mohamed Shainee (@mshainee) December 7, 2018
33 އަހަރުގެ ޖަލު ހުކުންތަކެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ.
ޝައިނީ އާއި އަދީބަކީ، އަދީބު ހައްޔަރުކުރުމުގެ ކުރިން ވަރަށް ގާތްކޮށް އުޅުއްވި 2 ބޭފުޅުންނެވެ.
އަދީބާއިއެކު ޝައިނީ ބައްދަލުވުމެއް ބާއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑިއަކަށް ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމަށް، ޕްރައިމަރީއަކާއި ނުލައި ޕީޕީއެމްގެ ޓިކެޓް ރައީސް ޔާމީން ދެއްވިތާ 24 ގަޑިއިރު ނުވަނީހެވެ.
ޝައިނީ މިވަގުތު ރާއްޖޭގައި ހުންނެވިނަމަވެސް، ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން އާއިލީ ކަމެއްގައި ޝައިނީ މިހާތަނަށް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
މި ބައްދަލުވުމާއި ބެހޭ އިތުރު ތަފްޞީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.