މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން އަބްދުﷲ ދ. ކުޑަހުވަދޫ އަށް ޒިޔާރަތް ކުރައްވައިފިއެވެ.
ހުކުރު ދުވަހު ކުރެއްވި މި ދަތުރުފުޅުގައި ހޯމް މިނިސްޓަރގެ އަރިހުގައި ކަމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ފުލުހުން ކުރެއްވި ޓްވީޓެއްގައި ވެއެވެ.
މި ދަތުރުފުޅުގައި ކުޑަހުވަދޫގެ ރަށު ކައުންސިލާއި ދ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ރަށުގެ އަމާންކަން ޤާއިމުކުރުމަށް ކުރަން ޖެހޭ ކަންކަމާއި، އެ ކަންކަމުގައި ފުލުހުންގެ ދައުރާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށް ރާއްޖެއެމްވީ. އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ކައުންސިލްތައް ބާރުވެރި ކުރުމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށް ޝާމް ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ކައުންސިލްގެ އިތުރުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން، އެތަނުގައި ވަޒީފާ އަދާކުރާ ފުލުހުންނާއި ބައްދަލު ކުރައްވާފައި ކަމަށް ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.
ރާއްޖެއެމްވީ. އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ ދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ ދ. ވާނީގައި ޤާއިމްކޮށްފައިވާ ފުލުހުންގެ ޓްރެއިނިންގ ކޭމްޕަށް ޒިޔާރަތް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.