މަދަނީ ދަތުރުފަތުރު ކުރުމުގެ ދާއިރާއިން މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ކަނޑައެޅިފައިވާ ކަންކަން 100 ދުވަސް ވުމުގެ ކުރިން ނިންމޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އިތުރު އެއާޕޯޓުތައް ހުޅުވޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން މިނިސްޓަރ ދެއްވި ޚިތާބެއްގައި ވިދާޅުވެފައިވަނީ މިހާރު ޚިދުމަތް ދެމުން ގެންދާ 12 އެއާޕޯޓްގެ އިތުރުން އަންނަ އަހަރު އިތުރު އެއާޕޯޓުތައް ހުޅުވި ޚިދުމަތް ދެވެން ފެށޭނެ ކަމަށެވެ.
ނަހުލާ ވިދާޅުވީ މި ދާއިރާއިން ކުރިއަށް ރާވާފައިވާ ކަންކަމަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވޭ މަޝްރޫއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ހަރަކާތްތަކަށް ފައިދާ ލިބި، ބައިނަލްއަޤުވާމީ ފެންވަރުގައި ޚިދުމަތް ދެވޭ ތަނަކަށް އެއާޕޯޓް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެއާއި ހުޅުލެއާ ދެމެދުގެ ދަތުރުތައް ފަސޭހަކޮށްދިނުމުގެ ގޮތުން ފެރީގެ ދަތުރުތައް ބޭނުންކުރާ ސަރަހައްދުތައް ބަދަލުކުރުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ޕާކިން ޒޯންއެއް ހެދުމުގެ އިތުރުން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމުގެ ކަންކަން ފުރަތަމަ 100 ދުވަސް ވުމުގެ ކުރިން ހާސިލުވާނެ ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.