ގދ. ގައި އޮންނަ އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓު ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެން ހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.
ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން މަރުވީ އުމުރުން 37 އަހަރުގެ އަމީތު ސައީދުއެވެ.
ގދ. ތިނަދޫ ހޮސްޕިޓަލުގައި ދެމީހަކަށް ފަރުވާ ދެމުން އަންނައިރު، އުމުރުން 24 އަހަރުގެ އަހުމަދު ޝާކިރު ހާލު ދެރަކަމަށާއި، މިހާރު މިޒުވާނާ މާލެ ގެނައުމަށް މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އުމުރުން 31 އަހަރުގެ މުބާރިކް އަބްދުﷲގެ ސީރިއެސް އަނިޔާއެއް ނުލިބޭ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް ލިބިފައިވަނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ފަތިހު 5:14 ހާއިރު ކަމަށެވެ. މިކަމުގެ ރިޕޯރޓް ލިބުމާއި އެކު ތިނަދޫ ސީ އެމްބިއުލާންސް އެ ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންދިޔަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ފީނަން ފޭބި ތިން މީހުންނަކީވެސް ދިވެހިންނެވެ. އެމީހުން ނިސްބަތްވާ ރަށްތަކުގެ ސާފު މައުލޫމާތު އަދި ލިބޭ ގޮތެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ އެންހިފުމަށް 4 މީހުން ފުޅި އަޅައިގެން ފީނުމަށް ފައިބާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިމީހުން 44 މީޓަރަށް ވައި ފުޅި އަޅައިގެން 35 މިނިޓު ވަންދެން ފީނާފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.