އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑުގައި ޑިސެމްބަރު 3 ވަނަ ދުވަހުގެ ރޭ، ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ދުއްވަން އިން ކާރުން އެކްސިޑެންޓްވެ، ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ މައްސަލަ ފެންމަތިވެއްޖެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 19 އަހަރުގެ އަހްމަދު ހައިޝަމް ސޮބްރީ އަށެވެ. މި އެކްސިޑެންޓުގައި އޭނާގެ މޭ ކަށިގަނޑު ދެ ތަނަކުން ޑިސްލޮކޭޓް ވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އިން ވަނީ ބުނެފައެވެ. އޭނާ އަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގެ އެމެޖެންސީގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ހައިޝަމްގެ ބައްޕަ އިބްރާހީމް ސޮބްރީ ބުނީ އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރަށުގެ ބައެއް މީހުންގެ ފަރާތުން ކަމަށާއި އެކްސިޑެންޓް ހިނގި ސަރަހައްދަށް ދިޔައިރު އައްޑޫ ފުލުހުން އެ ސީން އެއްކޮށް ރޫޅާލާފައިވާ ކަމަށެވެ.
"ކާރު ދުއްވަން އިން އަލީ ސޯލިހް ފައިބައިގެން އައިސް އެތާނގައި ހުއްޓުނު ވަގުތު ކިހިނެއްވީހޭ އެހުމުން އެބޭފުޅާ ވިދާޅުވީ ކާރު ދުއްވަން އިންދާ ނިދުނީއޭ، އެހެންކަމުން ތިމަންނަގެ އިހުމާލު އެބައޮތޭ، ދެން މީހުން އެ ސަރަހައްދަށް އެއްވެ މައްސަލަތަކެއް އުފެދޭ ހިސާބަށް ދިޔުމުން ޕޮލިހުން އެތަނަށް އައިސް، އެ ސަރަހައްދު ބަންދުކޮށްގެން، ހުރިހާ ކަމެއް ނިމިގެންދިޔައިރު އަޅުގަނޑަށް ލިބެންޖެހޭ އެއްވެސް މައުލޫމާތެއް ނުލިބޭ" ސޮބްރީ ބުންޏެވެ.
އައްޑޫގައި ހިތަދޫގައި ހުންނަ ފުލުހުންގެ މަރުކަޒަށް ދިޔުމުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކޮށްފިކަމުގައިވާނަމަ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދާނެ ވާހަކަ އެ ފަރާތުން ބުނެފައިވާކަން ފާހަގަކޮށް ސޮބްރީ ބުނީ އަލީ ސޯލިހަށް އެކަމުގައި އޭނާ ގުޅި ކަމަށެވެ. އަދި އެކަމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް އަލީ ސޯލިހް ވިދާޅުވެފައިވާ ކަމަށް ވެސް ސޮބްރީ ބުންޏެވެ.
"އަޅުގަނޑު އެދުނިން ޕޮލިހުން ކައިރީގައި އަލީ ސޯލިހުގެ ބަޔާންނެގުމަށްފަހު ސޮއިކުރުމަށް، އެކަމަށް އިއުތިރާފުވެފައި ބޭސްފަރުވާގެ ކަންތައްތަކުގައި އެހީތެރިވުމަށް، އަދި އޭނާގެ ސޮއި ހޯދުމަށްފަހު އަޅުގަނޑަށް އެންގުމަށް ފުލުހުން ކައިރީގައި ބުނިން. އަޅުގަނޑު އަލީ ސޯލިހަށް ގުޅުމުން ބުނީ ހޮސްޕިޓަލަށް އެބަ އަންނަމޭ، އެކަމުގައި ނައިސް ހުއްޓާ ފުރައިގެން މާލެ އައީ، އޭނަ ބުނި މީހެއް ހުންނާނެ ކަންތައްތައް ހަމަޖައްސަން އެކަމަކު އެމީހާގެ ފަރާތުން ވެސް ކަންކަން ހަމަޖައްސަން އިތުރު އެހީތެރިކަމެއް ނުލިބޭ" ސޮބްރީ ވަނީ ބުނެފައެވެ.
އެ މައްސަލާގައި އިހުމާލުވާނެ އެއްވެސް ފަރާތެއް މިހާރު ނެތް ކަމަށް ބުނެ، ސޮބްރީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އިހުމާލުވާނެ ފަރާތެއް، އެވަގުތު ކަންތައް އެ ދިމާވި ގޮތުން ސަރުކާރުގެ އެ ފެންވަރުގެ ވަފްދަކާ އެކީގައި އައިސް ތިބި ބޭފުޅުންނަށް ވެފައި، އަނެއްކާ ޓްރާންސްޕޯޓް މިނިސްޓަރގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށްވެފައި، މަގުމަތީގެ ކަންތައްތައް ރަނގަޅުކޮށް ރައްކާތެރިކޮށްދެއްވުމަށް އެކަމަނާ ވަޑައިގެންނެވީ، އަނެއްކާ ސީން ރޫޅާލެވިފައި މިހާ ހިސާބަށް އާދެވުމުން ވަރަށް ހިތާމަކުރަން" ސޮބްރީ ބުންޏެވެ.
އަލީ ސޯލިހު އެ ކުއްޖާގެ ބޭސްފަރުވާގެ ކަންތައްތަކުގައި އެހީތެރިވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކްސިޑެންޓް ހިނގައިގެން 4 ދުވަސްވީއިރުވެސް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިނުވާ ކަމަށް ސޮބްރީ ބުންޏެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވީ އެ އެކްސިޑެންޓްގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށާއި އެކަމުން ރެކިވަޑައިގަންނަވަން ނޫޅުއްވާ ކަމަށެވެ. އަދި އެކަމުގައި ފުލުހުންނަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާފައިވާ ކަމަށާއި އާއިލާ އިން އެ މައްސަލަ ފުލުހުންނަށް ހުށަނާޅާ ބޭސްފަރުވާގެ ކަންކަމުގައި އެހީތެރިވުމަށް އެދިފައިވާ ކަމަށެވެ.
ހައިޝަމްގެ ބޭސްފަރުވާގެ ކަންކަމުގައި މިހާރު ވެސް އެހީތެރިވަމުންދާކަމަށް ވިދާޅުވެ އަލީ ސޯލިހް ވިދާޅުވީ މާލެ އައުމަށް ޓިކެޓް ދިނުމުގެ އިތުރުން ސައިކަލަށް ލިބުނު ގެއްލުމުގައި ވެސް އެއްކޮށް ހިފާނެ ކަމަށެވެ. އެހެންނަމަވެސް އާއިލާ އިން ވަނީ އަލީ ސޯލިހު ޓިކެޓް ނެދޭ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލައިގައި ފުލުހަށް ބަޔާނެއް ދެއްވުމަށްފަހު، ބަޔާނުގައި ސޮއެކުރަން ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގަންނަވަން އެންގުމުން، އަލީ ސޯލިޙް ވަނީ މާލެ ވަޑައިގެންފައެވެ.
Alhuganduge car aai cycle eh jehi accident eh vanee hingaafa adhi ekamuga policeah dheynjehey ehbaarulun dhinin.Cycle ga inn meeha mahsala jahsan beynun nuve edhunee kuhajage beysfaruvaa kamun eheetherivamun midhanee, male’ auma ticket ves dhininn. Cycle hadan ves havaaluvefin.
— ali solih (@alisolih) December 6, 2018
އަލީ ސޯލިހަށް މަޤާމުގެ ފަތްކޮޅު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަރުއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.