އިރާނުގެ އުތުރުގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް މީހަކު ޖާނުންފިދާވެގެން ދިން ހަމަލާއެއް ހަތަރު ފުލުހަކު މަރުވެ 48 މީހަކު ޒަހަމްވެއްޖެއެވެ.
އިރާނުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ގޮވާތަކެތި އަރުވައިގެން ދުއްވާފައި ދިޔަ އުޅަނދެއް ފުލުހުންގެ މަރުކަޒަށް ވަންނަން އުޅުމުގެތޭރޭގައިއެވެ. ފުލުހުން އެ މީހާ ހުއްޓުވުމަށްޓަކައި ބަޑި ޖަހަން ފެށުމުން އޭނާ ވަނީ ގައިގައި ހަރުކޮށްފައި ހުރި އެއްޗެއްސަކާއި އެކު އަމިއްލަ އަށް ގޮއްވާލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެ ހަމަލާ ދީފައިވަނީ ސުންނީ މުސްލިމުން އުޅޭ ސަރަހައްދަކަށް ކަމަށް ރިޕޯޓްތައް ބުނާއިރު ސުންނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަންސަރް އަލް ފުރްގާން އިން ވަނީ ހަމަލާގެ ޒިންމާ ނަގައިފައިއެވެ.
ހަމަލާއި ބެހޭ ގޮތުން އިރާންގެ ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފަދަ ހަމަލާތަކަށް ބޭރު ގައުމުތަކުން ވާގިދެމުންދާ ކަމަށެވެ. އިރާނުން ވަނީ މީގެ ކުރިންވެސް އެގައުމުގެ ހަނގުރާމަ ވެރިންދޭ ހަމަލާތަކުގައި ސައުދީ އަރަބިއްޔާގެ އިތުރުން އެމެރިކާއިން ފަންޑްކުރަމުން އަންނަކަމަށް ތުހުމަތު ކޮށްފައިއެވެ. ނަމަވެސް މި ދެ ގައުމުންވެސް ވަނީ އެކަން ދޮގު ކޮށްފައިއެވެ. ޖާނުންފިދާވެގެން ދޭ ހަމަލާތައް އިރާނުގައި މަދުވެފައިވިޔަސް ފާއިތުވެދިޔަ އަހަރުތަކުގައި އިރާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއްތަތަކުން ވަނީ އެގައުމުގެ ސިފައިންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިއެވެ.
މި އަހަރު ސެޕްޓެމްބަރު މަހު އިރާންގެ ސިފައިންނަށް އަމާޒުކޮށް ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާއެއްގައި 25 ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.