ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިބްރާހިމް ރަޝީދު (ހޯރައިއްބެ) މިނިވަންކުރުމަށް ނިންމާފައިވާތީ، އެ ނިންމުމާއި އެއްގޮތަށް ކަރެކްޝަންސްއިން ހޯރައިއްބެ މިނިވަންކޮށްފިއެވެ.
ހޯރަ އިއްބެ މިނިވަންވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެދުނުގެ ވަގުތެއްގައެވެ.
އިއްބެ މިނިވަންވެފައިވަނީ އޭނާއަށް ކުރެވުނު ހުކުމުގެ ބާކީ ފަސްއަހަރު އޮއްވައެވެ. އިއްބެއަށް 10 އަހަރުގެ ޖަލުހުމެއް އިއްވާފައިވަނީ ކުޑަކުއްޖަކާއި އެކު ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް އޭނާއަށް ސާބިތުވުމާއި ގުޅިގެންނެވެ. އިއްބެއަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ދަފްތަރުގައި އޭނާގެ ނަން އޮތް މީހެކެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްބެގެ އަދަބުލުއިކޮށްދެއްވާފައިވަނީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އޭނާގެ ހުކުމް ލުއިކޮށްދިނުމަށް ނިންމާފައިވާތީ އެކަމަށް ބިނާކޮށެވެ. ކްލެމެންސީ ބޯޑުން އޭރު ނިންމާފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށް ހޯރަ އިއްބެ ގޭ ބަންދަށް ބަދަލު ކުރުމަށް ކަމަށްވީ ނަމަވެސް އޭރުގެ ސަރުކާރުން އެ ނިންމެވުމަށް އަމަލުކޮށްފައެއްނުވެއެވެ.
އިއްބެ މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އެކަމަށް ގިނަ ބަޔެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުން ދަނިކޮށް ބުދަދުވަހު އިއްބެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރުވަނީ ބަޔާނެއް ނެރެފައެވެ. ޒުރިއްޔާގެ ބަޔާނުގައި ބުނެފައިވަނީ އިއްބެއަކީ އެއްވެސް އިރެއްގައި ކުޑަކުދިންނާ ބެހި އުޅޭ މީހެއް ނޫން ކަމަށާއި އެކަހަލަ އެއްވެސް ރިކޯޑެއް އޮތް މީހެއް ނޫން ކަމަށެވެ.
އޭނާގެ އަންހެނުން ބުނީ އިއްބެއާ މެދު އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ސިޔާސީ ޕޯޑިއަމްތަކުން އިއްބެ ފެނުނު ހިސާބުން ކަމަށެވެ. އިއްބެ އަށް އެންމެ ފުރަތަމަ ގުޅީވެސް އޭނާ ކަމަށް އިއްބެ އަންހެނުން ވަނީ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި 2012 ވަނަ އަހަރު މާލެ އައީ އިއްބެ އާއި ކައިވެނި ކުރަން ކަމަށް ވެސް ޒުއްރިއްޔާ ބުންޏެވެ.
ހޯރަ އިއްބެ ހައްޔަރު ކުރުމާ ބެހޭ ގޮތުން ޒުއްރިއްޔާ ބުނީ އޭނާ އިއްބެ އާއި ބައްދަލު ކުރަން އިއްބެ ދިރިއުޅޭ ގޭގައި ތިއްބާ ފުލުހުން އެ މީހުން ތިބި ތަނަށް ގޮސް ހައްޔަރު ކުރީ ކަމަށެވެ. އަދި އިއްބެ ހައްޔަރު ކުރުމަކީ ސިޔާސީ ގޮތުން އޭގެ ފަހަތުގައި ބަޔަކު ތިބެގެން ކުރުވިކަމެއް ކަމަށް އިއްބެގެ އަންހެނުން ވަނީ ތުހުމަތުކޮށްފައިއެވެ.
މީލާދީ ގޮތުން 18 އަހަރު ނުފުރެނީސް އޭނާ އާއި އިއްބެއާ ދެ މީހުން ކައިވެނި ކޮށްދިނީ ވެސް ފެމެލީ ކޯޓުން ކަމަށް ޒުއްރިއްޔާ ވަނީ ބުނެފައެވެ.
އިއްބެ އަށް ހުކުމްކުރިއިރު އޭނާ އިނީ އިއްބެގެ ދަރިއަކަށް ބަލިވެ ކަމަށާއި އޭނާގެ ބަނޑަށް 07 މަސްވެފައިވާ ކަމަށް އިއްބެގެ އަންހެނުން ވަނީ ބުނެފައިއެވެ.
އިއްބެ ޖަލަށްލުމާއި ގުޅިގެން ގިނަ ކަންތަކެއް ތަހައްމަލު ކުރަން ޖެހުނުކަން ފާހަގަކޮށް ޒުއްރިއްޔާ ބުނީ އޭނާ ވިހެއީވެސް އެކަނިވެރި ހާލުގައި ކަމަށާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރަމުން ގޮވަމުންދާއިރު އިއްބެގެ ދަރިފުޅު ވޭތުކުރަމުންދިޔަ ހިތްދަތި ދުވަސްތަކުގައި އޭނައާއި މެދު ހަމްދަރުދީވާނެ އެއްވެސް ފަރާތެއް ނެތް ކަމަށެވެ.
އިއްބެ ހައްޔަރު ކުރުމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް ޔާމީން ކަމަށާއި 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އިއްބެ މިނިވަންކުރަން ނިންމަވާ ރައީސް އޮފީހަށް ތަންފީޒުކުރުމަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެކަން ހުއްޓުވީ އިއްބެ އާއި މެދު އޮންނަ ސިޔާސީ ހަސަދައެއްގެ ސަބަބުން ކަމަށް އިއްބެގެ އަންހެނުން ނެރުނު ބަޔާނުގައިވެއެވެ. އަދި އެކަމަށް ވާގިވެރިވީ ވަނީ އާޒިމާ ޝުކޫރު ކަމަށް ޒުރިއްޔާ ވަނީ ތުހުމަތު ކޮށްފައިއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިއްބެ ދޫކުރުމާ ދެކޮޅަށް ހަދައިގެން އުޅޭ ޕެޓިޝަނަކީ އިންސާނީ ކަރާމަތަށް ރަހުމެއް ހަމްދަރުދީ ނެތް އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާ ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ.