ހައިމާކަކުން ޖެހި، ގއ. ކަނޑުހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އައި ބިދޭސީއަކު މަރުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ޝަހީމް ވިދާޅުވީ ހައިމާކަކުން ޖެހި މަރުވެފައި ވަނީ އިންޑިއާގެ ފިރިހެނެއް ކަމަށެވެ. އަދި ސީދާ އެމީހާގެ އުމުރު ބުނަން ނޭނގޭ ކަމަށާއި، ގާތްގަނޑަކަށް އެމީހާގެ އުމުރު އުޅޭނީ 35 އަހަރާއި، 40 އަހަރާ ދޭތެރެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މަރުވި ބިދޭސީ މީހާއަކީ އެމްޓީސީސީގައި މަސައްކަތް ކުރަމުން އައި މީހެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ އެމީހާއަކީ އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އައި މުއައްޒަފެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ މިހާދިސާ ހިނގީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށާއި، އެމީހާ މަރުވީ ސިއްހީ މަރުކަޒުގައި ހަރުވާދެމުންދަނިކޮށް ކަމަށެވެ.
"މިހާދިސާ ހިގަން މެދުވެރި ސަބަބެއް ނޭނގެ. ސައިޓްގައި މަސައްކަތް ކުރަނިކޮށް ހައިމާކުން ޖެހުނު ކަމަށް ވަނީ." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ހައިމާކުން ޖެހި މަރުވި ބިދޭސީ މީހާގެ ބޭރުފުށަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، އެމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.