މާލެއަށް ބޯކޮށް ވާރޭވެހި އެސްޓީއޯގެ ކާޑު ގުދަންތަކަށް ފެންވަދެފައިވީ ނަމަވެސް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި، ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިނުވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއާ ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މާލެއަށް ބުދަ ދުވަހު ކުރި ވިއްސާރާގައި ފެންވަދެ ގިނަ ގެއްލުންތައް ލިބުނު ކަމުގައި ވިޔަސް އެސްޓީއޯގެ މުވައްޒަފުންގެ ހުށިޔާރުކަމާއި ހީވާގިކަމުން ކާޑުގެ ސްޓޮކްތައް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
އަމްރު ވިދާޅުވީ ގުދަންހުރި މަގުގެ ކަކުލާ ހަމައަށް ފެން ބޮޑުވި ކަމަށާއި، ނަމަވެސް ބެލި ބަސްތާ ޖަހައިގެން ގުދަނަށް ފެންވަނުން ކޮންޓްރޯލް ކުރެވުނު ކަމަށެވެ.
މީގެ އިތުރަށް އަމްރު ވިދާޅުވީ މާލޭގެ އެއްވެސް ތާކަށް އަދި ރަށަކަށް ވެސް ކާޑުގެ ބާވަތްތައް ބޭރު ނުކުރެވޭ ކަމަށާއި، ނަމަވެސް ކާޑުގެ ބާވަތްތައް ނުލިބިގެން ރައްޔިތުން އުޅެން ނުޖެހޭނެ ކަމަށެވެ.
"މިކަހަލަ ކަންތައްތައް ތަކަށް ވަރަށް ބޮޑަށް ރައްކާތެރިވެގެން މުއައްޒަފުން ތިބީ. ދެން ރަށްރަށުގައި ގުދަންތަކުގައި ވެސް ހުންނާނެ ކާޑުގެ ބާވަތްތައް. މިކަހަލަކަމުން ދެތިން ދުވަހު ޑިލޭވިއަސް އެއްވެސް ކަހަލަ ބުރުލެއް ނާރާ ރައްޔިތުންނާއި ހަމައަށް ކާޑު ބާވަތްތައް ފޯރުކޮށްދެވޭނެ އިރާދަކުރެއްވިއްޔާ." އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެސްޓީއޯގެ މުއައްޒަފުން އަބަދު ވެސް ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. މީގެ އިތުރަށް އަމްރު ވިދާޅުވީ އެސްޓީއޯގެ ކާޑުގެ ގިނަ ގުދަންތައް ހުންނަނީ މާލޭގެ އެންމެ ފެން ބޮޑުވާ ސަރަހައްދުގައި ކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެސްޓީއޯގެ ގިނަ އަދަދެއްގެ ކާޑު ގުދަންތައް ހުންނަނީ މާފަންނު ސަރަހައްދުގައެވެ. ބުދަ ދުވަހު މާލެއަށް ކުރި ބޯ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީވެސް މާފަންނުގެ ސަރަހައްދު ތަކެވެ.