މާލޭގައި ފެންބޮޑުވެ، ބައެއް ގެތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ރާއްޖޭގެ މުވާސަލާތި ކުންފުނި ދިރާގުން ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރ (އެންޑީއެމްސީ)އަށް 200،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ދިރާގުގެ އިތުރުން ސަރުކާރުގެ ބޮޑެތި ކުންފިތަކުން ވެސް ވަނީ މާލޭގައި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެސްޓީއޯ އާއި ސްޓެލްކޯގެ އިތުރުން ސިފައިންގެ ސިފްކޯއިން ވެސް ވަނީ އެންޑީއެމްސީއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެންޑީއެމްސީގެ ޕްރޮޖެކްޓް ޑިރެކްޓަރ އަދި މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ މާލޭގައި ފެންބޮޑުވުމާ ގުޅިގެން ގެތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެކި ގޮތްތަކަށް ސަރުކާރުގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ސްޓެލްކޯއިން ބޯ ފެން ފޯރުކޮށްދީފައިވާ ކަމަށާއި އެސްޓީއޯއިން ކާބޯތަކެތި ހަދިޔާކޮށްފައިވާ ހިސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިރާގުން ދެ ލައްކަ ރުފިޔާ ހަދިޔާކޮށް، އެންޑީއެމްސީގެ އެމެޖެންސީ ކޯލު ސެންޓަރަށް ދިމާވި ލޯޑު ބޮޑުވުމުގެ މައްސަލަ ވެސް އެ ކުންފުނިން ހައްލުކޮށްދީފައިވާ ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މާލޭގައި ފެންބޮޑުވި ހާދިސާއާ ގުޅިގެން އެ ކުންފުނިން އެންސީއެމްސީއަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރަށް އަޅުގަނޑުމެންނަށް ދެވެން އޮތް ހުރިހާ ސަޕޯޓެއް ވެސް ދޭނަން. އަބަދުވެސް ދިރާގަކީ ވަރަށް ކްލޯޒްކޮށް އެމްއެންޑީއެފާއި އަދި މި މަސައްކަތް ކުރާ ހުރިހާ ދާއިރާތަކާ އެއްކޮށް، ކާރިސާތަކުގައި މަސައްކަތް ކުރަމުންދާ ބައެއް،" ދިރާގެ ސީއީއޯ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، ދެ ގެއަކުން މީހުން ހުސްކުރަން ޖެހުނީ ނަރުދަމާ ނިޒާމުގައި މައްސަލަ ޖެހި ނަޖިސް ބޭރުވުމާ ގުޅިގެންނާއި ކައްކާ ކެވޭނެ ގޮތެއް ނެތުމުން ކަމަށެވެ.
"އެ ގެތަކަށް ދިމާވެފައިވާ ކަމަށް މި ވަނީ ނަރުދަމާގެ މައްސަލަ. މިރެއިން ކެއްކޭނެ ގޮތްތަކެެއް ވެސް ނެތިފަ، ބޮޑަށް ފާހާނަ ބޭނުން ނުކުރެވޭ ގޮތްވުމުން،" އެންޑީއެމްސީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވިއެވެ.
މާލޭގައި ފެން ބޮޑުވެ، ދެ އާއިލާއެއްގެ 20 މީހަކަށް ވަނީ ވަގުތީ ހިޔާވަހިކަން ގެސްޓުހައުސްއަކުން ވަނީ ފޯރުކޮށްދީފައެވެ. މެދުކެނޑުމެއް ނެތި މާލެއަށް ބުދަ ދުވަހު ވެހުނު ވާރޭގައި އެންމެ ބޮޑެތި ގެއްލުންތަކެއް ވެފައި ވަނީ މާފަންނު ސަރަހައްދަށެވެ. އެގޮތުން އެ ސަރަހައްދުގެ ގެތަކަށާއި ގުދަންތަކަށާއި ފިހާރަތަކާއި ކެފޭތަކަށް ފެން ވަދެ، އަގުބޮޑެތި މުދާތަކަށް ވަނީ ގެއްލުންވެފައެވެ.