ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމްއެންޑީއެފް އަށް އެހީތެރިވެ ދިނުމުގެ ގޮތުން ބައެއް ސާމާނުތައް ކުންފުނިތަކުން ހަދިޔާކޮށްފިއެވެ.
ސިފައިންނަށް އެ ސާމާނުތައް ހަދިޔާ ކޮށްފައި ވަނީ މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)، އާއި އަމީން ކޮންސްޓްރަކްޝަނާއި އޫރިދޫ މޯލްޑިވެސްގެ އިތުރުން ރިސޯޓް ކޮންސްޓްރަކްޝަނުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެގޮތުން އެމްޑަބްލިއުއެސްސީން 100 ރަބަރ ގަންބޫޓް ހަދިޔާ ކޮށްފައިވާ އިރު އޫރިދޫ އިން ވެސް 50 ރަބަރ ގަންބޫޓް ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑިއެފް އިން މައުލޫމާތުދެއެވެ. ފެން ހިއްކުމަށް ބޭނުންވާ ތިން ޕަންޕު އަމީން ކޮންސްޓްރަކްޝަނުން ހަދިޔާ ކޮށްފައިވާ އިރު ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަނުން ވެސް ވަނީ ފެން ހިއްކާ ތިން ޕަންޕް ހަވާލުކޮށްފައެވެ.
އެ ކުންފުނިތަކުން އެމްއެންޑީއެފާއި ހަވާލުކުރި ތަކެއްޗާއި ހަވާލުވެ ލައްވާފައި ވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދުﷲ ޒުހުރީ އެވެ.
މީގެ އިތުރުން އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފެން ހިއްކަން ބޭނުންކުރާ ޕަންޕްތަކެއް އެމްއެންޑީއެފަށް ހަދިޔާކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމްއެންޑީއެފުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ޖަމިއްޔާތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ބައެއް ކުންފުނިތަކުން ދަނީ ފައިސާގެ އެހީ ވެސް ފޯރުކޮށް ދެމުންނެވެ. އެގޮތުން ދިރާގުން ވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރ (އެންޑީއެމްސީ) އަށް 200،000 (ދެ ލައްކަ ރުފިޔާ) ހަދިޔާކޮށްފައެވެ.