މާލެ ސިޓީއަށް ކުރި ވިއްސާރައާ ގުޅިގެން ސިފައިނާއި ފުލުހުންނާއި ދައުލަތުގެ އިދާރާތައް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބައްލަވާލައްވައިފިއެވެ.
އެމްއެންޑީއެފާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ބައްލަވާލެއްވުމަށްޓަކާ ބުދަ ދުވަހުގެ ރޭ ރައީސް ސޯލިހު ވަނީ ކަޅުދުއްކަލާ ކޮށްޓަށް ޒިޔާރަތް ކުރައްވާފައެވެ. އެ ޒިޔާރަތުގައި ފެންހިއްކުމަށް އެމްއެންޑީއެފުން ކުރި މަސައްކަތްތައް ރައީސް ސޯލިހަށް ހިއްސާކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. މި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގެންފައިއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1544051487.jpg)
ކާރިސާއިން އަރައިގަތުމަށް ކަލާފާނު ސްކޫލުގައި ހަދާފައިވާ ވަގުތީ ސެންޓަރަށް ވެސް ރައީސް ސޯލިހު ބުދަ ދުވަހުގެ ރޭ ވަޑައިގެންނެވިއެވެ. ރައީސް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ އިދާރާތަކާއި، އެކިއެކި ޖަމިއްޔާތަކުންނާއި، އަމިއްލަ ފަރާތްތަކުން ގުޅިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ސާފުކުރެއްވިއެވެ.
އެތަނަށް ކުރެއްވި ޒިޔާރަތަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ނުކުރެވުނީ މެކޭނިކަލް ޕާންޕު ސިސްޓަމްތައް ހަލާކުވެފައި ހުރުމުން ކަމަށް އެމްއެންޑީއެފުން މައުލުމާތު ދީފައިވާ ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް މައުލޫމަތު ލިބުނު ގޮތުގައި ރެކޯޑު ކުރެވުނު މިންވަރަށް މާލެއަށް ވާރޭވުނު ދުވަސް މިއީ. ގާތްގަނޑަކަށް 149 މިލިމީޓަރުވެ ވާރޭ، ހަ އިންޗި ވާރޭ ވެހިފަ މިއޮތީ. މިކަން ހައްލު ކުރަން އެންމެ ދަތިވި ސަބަބެއް ކަމަށް އެމްއެންޑީއެފުން ބުނަނީ ފެން ހިއްކުމަށް ހުރި މެކޭނިކަލް ޕަންޕުތައް ހަލާލުވެފައި ހުރުމުގެ ސަބަބުންނޭ މިކަމަށް އެޓެންޑު ނުވެވުނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ޒިޔާރަތަށްފަހު ނައިބް ރާއިސް ފައިސަލް ނަސީމް ވެސް ވަނީ ކަލާފާނު ސްކޫލަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ބައްލަވާލައްވާފަ އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1544051489.jpg)
ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ މަގުތަކެއްގައި ހިނގައިބިނގައިވެ އުޅެން ދަތިވާ ވަރަށް ފެން ބޮޑުވެފައިވާއިރު، ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް މަގުތަކުގައި ޕާކް ކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި ޓެކްސީއެއް ހޯދުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ބުދަ ދުވަހުގެ މެންދުރުން ފެށިގެން މެދުކެނޑުމެއް ނެތި ފަސް ގަޑިއިރު މާލެއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ މާފަންނު ގެތަކަށެވެ. އެ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތްކޮށް ނިންމާލެވުނީ ހަ ގަޑިއިރުގެ މަސައްކަތުންނެވެ.