ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި މާލޭގެ ދެ ގެއެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އެގޭގޭގައި ދިރިއުޅޭ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށްފިއެވެ.
ބުދަ ދުވަހު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ ހާލުގައި ޖެހުނު މީހުންނަށް އެހީ ވުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓްގެ ބެލުމުގެ ދަށުން ކުރިއަށްދާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ހުރިހާ ސިފައިން ވެސް މަގު މައްޗަށް ނެރިގެން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓްގެ ފަރާތުން ވާހަކަދެއްކެވި އިހްސާން ހަސަން ވިދާޅުވީ ފުލުހުންނާއި ރެޑް ކްރެސެންޓުގެ ބޭފުޅުން އެކުލެވޭގޮތަށް އެ ތަނުގެ ޓީމްތަކެއް މިހާރު މާލެ ތެރޭގައި ހަރަކާތްތެރި ވަމުންދާކަމަށެވެ. އަދި މީގެ އިތުރުން އެ ބޭފުޅާ ވަނީ މިކަހަލަ ދަނޑިވަޅެއްގައި ހުރިހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އިލްްތިމާސްކޮށްފަ އެވެ.
މިހާތަނަށް މާލެއަށް އެކަނި ވެސް 149 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ މަގުތަކެއްގައި ހިނގައި ބިނގައިވެ އުޅެން ދަތިވާ ވަރަށް ފެން ބޮޑުވެފައިވާ އިރު، ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސް ފެން ވަދެ އެކި ވަރުގެ ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތު ވަނީ ރާއްޖެ އެމްވީ އަށް ލިބިފައެވެ.