ބޯކޮށް ވާރޭ ވެހެމުން ދިއުމާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.
ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ މަގުތަކެއްގައި ހިނގައިބިނގައި ވެ އުޅެން ދަތިވާ ވަރަށް ވަނީ ފެންބޮދުވެފައެވެ. އަދި ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސް ފެން ވަންނަމުންދާ ކަމުގެ މައުލޫމާތު ވަނީ ރާއްޖެއެމްވީއަށް ލިބިފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނެފައިވަނީ މިހާތަނަށް މާލެއަށް އެކަނިވެސް 140 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި މާލެ އާއި އަލިފު އަތޮޅަށް އެކްޓިވް ޔެލޯ އެލަރޓެއް ނެރިފައިވާކަމަށް ވެސް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
އެމްއެންޑީއެފުން މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެން ބޮޑުވުމުގެ މައްސަލައަކީ ޒަމާނުއްސުރެން ހައްލެއް ނުލިބިފައި އޮތް ކަމެކެވެ. ނިމިގެންދިޔަ ސަރުކާރުން ވަނީ މި މައްސަލް ހައްލު ކުރުމަށް ޕްރޮޖެކްޓްތަކެއް ހިންގާފައެވެ. އެގޮތުން އަމީނީ މަގުގައި "ސްޓޯމް ޑްރެއިނޭޖް ސިސްޓަމް" ތަކެއް ވެސް ހަރުކުރިއެވެ. ނަމަވެސް މާލޭގައި މި ފަހުން ފެންބޮޑުވެގެން އޭރުގެ ހައުސިން މިނިސްޓަރު، ޑރ.މުއިއްޒުއާއި ސުވާލުކުރުމުން ވިދާޅުވެފައިވަނީ އެ ސިސްޓަމްތައް މަސައްކަތް ނުކުރީ ބަޔަކު އެ ސިސްޓަމްތަކަށް ގެއްލުން ދީގެން ކަމަށެވެ.