ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނައުމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި އިސްލާހަށް އަމަލު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ޖުމުލަ 22 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 41 މެމްބަރުންނެވެ.
ރިފާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށްތަކާއި، ބިން އަދި ފަޅުތައް ކުއްޔަށް ދޭން ވާނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާން ކޮށްގެން، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ މަތިން ކަމަށެވެ. އަދި އެ ތަންތަން ދޭން ވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ކަމަށް ވެސް މި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.
ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު މި އިސްލާހު ހުށައަޅުއްވާފައިވާއިރު، ޓޫރިޒަމްގެ ބޭނުމަށް ބިޑް ކުރުމެއް ނެތި ފަޅުތަކާއި ރަށްތަކާއި ބިން ދޫކުރުން މަޑުޖައްސާލަން ސަރުކާރުން 28 ނޮވެމްބަރުގައި ވަނީ ނިންމަވާފައެެވެ.