ރާއްޖެ އިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ނިންމެވުން މަޖިލީހުން ފާސްކޮށްފިއެވެ.
މި ނިންމެވުން މަޖިލީހުން ފާސްކޮށްފައި ވަނީ 62 މެމްބަރުންގެ ވޯޓުންނެވެ.
ޤައުމީ ސަލާމަތުގެ ކޮމިޓީން ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ތައްޔާރުކުރި ރިޕޯރޓަށް މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައި ވަނީ ކޮމަންވެލްތުން ވަކިވުމާއި ގުޅިގެން ގެއްލިގެން ދިޔަ ސްކޮލަރޝިޕްތަކާއި، ކޮމަންވެލްތުގެ އެހީތަކާއި، ދައުލަތަށް ލިބުނު ފައިސާގެ ގެއްލުންތައް ވަޒަންކޮށް ކޮމަންވެލްތުން ވަކިވުމުގައި އެއްވެސް އިހުމާލެއް ވެފައިވާނަމަ އެކަން ބަލަން ޖެހޭނެ ކަމަށެވެ.
" އަޅުގަނޑުމެން ކޮމިޓީ ސްޓޭޖުގަ އެބަ ބަލާލަން ޖެހޭ އަޅުގަނޑުމެން ކޮމަންވެލްތުން ވަކިވީމާ އަޅުގަނޑުމެންނަށް ވީ ކޮންކަހަލަ ބޮޑެތި ގެއްލުންތަކެއްތޯ. އަޅުގަނޑުމެންނަށް ކިތައް ކުދިންގެ ސްކޯލަރޝިޕް ގެއްލިގެން ހިނގައްޖެތޯ. މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ކިތައް ކުދިންނަށް ގެއްލިއްޖެތޯ" އަލީ އާޒިމް ވިދާޅުވިއެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިމަކްރަސީއާ އެއްގޮތަށް ކަންކަން ހިންގުމަށް ބާރުއަޅައި ސިޔާސީ ހައްޔަރިން ދޫކޮށްލުމަށް ކޮމަންވެލްތުން ބާރުއަޅަން ފެށުމުން 13 އޮކްޓޫބަރު 2016 ގައެވެ.
ރާއްޖެ އަލުން ކޮމަން ވެލްތާއި ގުޅުމަށް މަޖިލީހުން ފާސް ކުރައްވާފައި ވާއިރު، މިކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ޕްލޭންގައި ވެސް ހިމެނޭ ކަމެކެވެ.