ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތުގެ ދަށުން "ހަފްތާ ރެސް" މާކެޓް ކޮންމެ ހަފްތާ ބަންދެއްގައި ބާއްވާނެ ކަމަށް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ޔޫތް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ޒުވާނުން ބާރުވެރި ކުރުވައި މުޖުތަމައުއަށް ނެރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރާ ކަމަށާއި، ވިޔަފާރީގެ ދާއިރާއަށް ވެސް ގިނަ ޒުވާނުން ނެރެން ބޭނުންވާ ކަމަށެވެ.
އެގޮތުން ހަފްތާ ރެސްގެ ނަމުގައި ކޮންމެ ހަފްތާއެއްގެ ހުކުރު، ހޮނިހިރު ދުވަހު މާކެޓް ބާއްވާނެ ކަމަށާއި، ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް މާކެޓުން ވިޔަފާރި ކުރެވޭނެ ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމާކެޓްގެ ސްޓޯލްތައް ދޫކުރުމުގައި ބޮޑަށް އިސްކަންދެވޭނީ ޒުވާނުންނަށް ކަމަށެވެ.
މުނިފޫހިފިލުވުމުގެ އެތަކެއް ހަރަކާތަކާއެކު ކުރިއަށްދާ ހަފްތާ ރެސްގައި މަޝްހޫރު ލަވަކިޔުންތެރި ޝޯވތައް ބާއްވާނެ ކަމަށާއި، ލަވަކިޔުމުގެ ދާއިރާއަށް މުޅިން އަލަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް މި މާކެޓްގެ ތެރެއިން ފުރުސަތު ލިބޭނެ ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
"މިކަން ކުރާއިރު އަޅުގަނޑުމެން ފުރުސަތުދެނީ ބޮޑަށް ދެނީ ޒުވާނުންނަށް . ދެން އަލަށް ވިޔަފާރީގެ ތެރެއަށް ވަންނުމަށް ހިތްވަރުދިނުން ބޭނުމަކީ. ވީކެންޑްގަ މާލޭގެ ކޮންމެ ވެސް އެއްދިމާލެއްގައި މިކަން ކުރިއަށް ދާނީ. ގިނަ ބަޔަކު އެއްދިމާލަކަށް އެއްވެލައިގެން މިޔުޒިކް ބަލާލައި ހިތްހަމަ ޖައްސާލެވޭނެ. އަގު ހެޔޮކޮށް އެއްޗެހި ގަނެވޭނެ" މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
ހަފްތާ ރެސް ހިންގުމުގައި ޒުވާނުންގެ ކޮމެޓީއަކުން މިހާރު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގިނަ ސްޓޯލްތައް ބަހައްޓައި، ގިނަ ބަޔަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
މީގެ އިތުރަށް މިނިސްޓަރު މަހުލޫފު ވިދާޅުވީ ވަރަށް އަވަހަށް ހަފްތާ ރެސް މާކެޓް ފަށާނެ ކަމަށާއި، ކުރާ އިއުލާނުގައި ތަފްސީލުތައް ހިމަނާނެ ކަމަށެވެ.