ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ސިވިލް ކޯޓުގައި ތާވަލުކޮށްފިއެވެ.
އެ މައްސަލަ ސިވިލް ކޯޓުގައި ތާވަލުކޮށްފައިވަނީ ބުދަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރަށެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ރާއްޖެ ޓީވީގެ 'މިރައީސް' ޕްރޮގްރާމްގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަތަކަކީ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ވާހަކަތަކެއް ކަމަށް ބުނެއެވެ. އެމައްސަލަ ސިވިލް ކޯޓަށް ވެއްދީ ރާއްޖެ ޓީވީގެ ފަރާތުންނެވެ.
ރާއްޖެޓީވީގެ ޤާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ އެ މައްސަލާގައި މީގެ ކުރިން ދެ ފަރާތުން ލިޔެކިޔުންތައް ބަދަލުކޮށްފައިވާ ކަމަށާއި ދެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ވެސް ޖަވާބުދާރީވެފައިވާ ކަމަށެވެ.
ރާއްޖެޓީވީން ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާ ބްރޯޑްކާސްޓިންގް ކޮމިޝަނަށް ދައްކާފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހުއެވެ.
މިކަމާ ގުޅިގެން ރާއްޖެ ޓީވީން 2017 ވަނަ އަހަރުގެ އޮކްޓޯބަރ 8 ވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ފިޔަވަޅަކީ ރާއްޖެ ޓީވީ އަށް އަނިޔާވެރިވުމަށް ގާނޫނީ އިމުގެ ބޭރުން ޒާތީވެ ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއަށް އިތުރުވި ބޮޅެއްކަމަށް ދެކޭ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަން އިންސާފުގެ ހަމައިން ނެއްޓިފައިވާ ކަމާއި، މައްސަލަތައް ބެލުމުގެ ގާބިލްކަމެއް ކޮމިޝަންގައި ނެތްކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ހާމަވާ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.
5 ލައްކަ ރުފިޔާގެ ޖޫރިމަނާގެ އިތުރުން އޭގެ ކުރިން 1 މިލިއަން ރުފިޔާ އާއި 2 ލައްކަ ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކުރި މައްސަލަ ވެސް ރާއްޖެ ޓީވީއިން ވަނީ މީގެ ކުރިން ކޯޓަށް ހުށަހަޅާފައެވެ.
ރާއްޖެޓީވީ ޖޫރިމަނާކުރި ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަލީމް ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް ނިންމީ ރާއްޖެޓީވީ ޖޫރިމަނާ ކުރި ކޮންމެ ފަހަރަކު މިފައިސާ ދެއްކުމަށް ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑަށް ލިބިފައި ވާތީ، އަނެއްކާ ވެސް އެހީތެރިކަމެއް ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފައިސާ ހަދިޔާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވޭތީ ކަމަށް ސަލީމް ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރި ކޮންމެ ފަހަރަކު ޖޫރިމަނާ ދައްކަން ޖެހޭ މުއްދަތުގައި، ބެލުންތެރިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ރާއްޖެ ޓީވީން ވަނީ ޖޫރިމަނާތައް ދައްކާފައެވެ.
ރާއްޖެ ޓީވީ ޖޫރިމަނާކުރުމަށް ހުއްޖަތެއްގެ ގޮތުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބޭނުންކުރި އަބުރުގެ ޤާނޫނު މިހާރު ވަނީ އުވާލާފައެވެ.