އިނގިރޭސިވިލާތުގެ އެމްބަސީއެއް މާލޭގައި ވަރަށް އަވަހަށް ހުޅުވާނެކަމަށް އިނގިރޭސި ފޮރިންގ ސެކްރެޓަރީ ޖެރެމީ ހަންޓް ވިދާޅުވެއްޖެއެވެ.
ހަންޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަހަރަކު ލައްކައަކަށްވުރެ ގިނަ އިނގިރޭސިން ރާއްޖެއަށް ޒިޔާރަތްކުރާއިރު، މާލޭގައި އެމްބަސީއެއް ހުޅުވުމުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ.
Delighted to announce that UK will open new Embassy in #Maldives. Over 100,000 British people visit every year & this will help our countries to work together even more closely. Proud to continue the biggest expansion of @foreignoffice’s diplomatic network for a generation
— Jeremy Hunt (@Jeremy_Hunt) December 4, 2018
ރާއްޖޭގައި އިނގިރޭސި އެމްބަސީއެއް ހުޅުވަން ނިންމާފައިވަނީ އިނގިރޭސި ޚާރިޖީ ސިޔާސަތު އިތުރަށް ފުޅާކޮށް، އިނގިރޭސި އެމްބަސީތައް އެކި ޤައުމުތަކުގައި ހުޅުވުމަށް އެޤައުމުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިންނެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވާން އެންމެ ފަހުގެ މަރުހަލާ ކަޑައްތުކުރަމުންދާއިރު، ދުނިޔޭގެ އެކި ޤައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިނގިރޭސިވިލާތުގެ ނިންމުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ދަންނަވާފައެވެ.
Warmly welcome UK Foreign Secretary Jeremy Hunt’s announcement of intention to open an Embassy of the U.K in Malé. This marks a significant milestone in our relationship, & look forward to strengthened opportunities for education, trade tourism & investment for both countries.
— Abdulla Shahid (@abdulla_shahid) December 4, 2018
ޚާރިޖީ ވަޒީރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސި ސަރުކާރުގެ ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ތައުލީމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމުގެ އިތުރުން އިންވެސްޓްމަންޓްތަކުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި މިހާރު ހުންނަ އެމްބަސީއަކީ ކޮޅުނބުގައި ހުންނަ އިނގިރޭސި އެމްބަސީއެވެ.